މިފްކޯ

މިފްކޯ އަންނަ މަހު އެސްޓީއޯގެ ދަށުން ވަކި ކުރަނީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަންނަ މަހުން ފެށިގެން މިނިވަން ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށޭނެ ކަމަށް ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނީގެ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ މިފްކޯ، އެސްޓީއޯގެ ދަށުން ވަކި ވުުމުގެ ގޮތުން ލިޔެކިޔުންތަކުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އަންނަ މަހު މި ބަދަލު އަންނާނެ ކަމަށެވެ.

"މިހާރު ކުރަނީ ޕޭޕަރު ވޯކްސްގެ މަސައްކަތް. އުންމީދު ކުރަނީ އަންނަ މަހުން ފެށިގެން ވަކިން ބޯޑެއް އޮންނަ ކުންފުޏްޏަކަށް ބަދަލުވާނެ ކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.

ކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ ދަރަނި ރީސްޓްރަކްޗާ ކުރަން ފަސޭހަ ވެގެންދާނެ އެވެ.

"މަސްވެރިކަން ދަށްކޮށް ދިޔަ ދުވަސްތަކުގެ ދަރަނި މިފްކޯގައި އެބައޮތް. އަދި މި ހާލަތުގައި މަސްވެރިންނަށް އެހީވާން ވެސް ލޯނު ނެގިން. މިގޮތަށް އޮތް ދަރަނި ރީސްޓްރަކްޗާ ކުރަން ވެސް ފަސޭހަ ވެގެންދާނެ ވަކި ކުރީމަ،" އިސްމާއިލް ވިދާޅުވި އެވެ.

ކުރިން އަމިއްލައަށް ހިންގަމުން ދިޔަ މިފްކޯގެ ދަރަނި ބޮޑުވުމުން އެސްޓީއޯގެ ދަށަން ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި ބަދަލު ގެނައިއިރު އެ ކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.