ރާއްޖެ ކުޅިވަރު

ސުޒުކީ ކަޕް ފެށުން ތިން ގަޑިއިރަށް ފަސްކޮށްފި

އިންޑިޔާގައި މިއަދު ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗު ތިން ގަޑިއިރަށް ފަސްކޮށްފި އެވެ.

ސާކުގެ އަށް ގައުމުގެ ތެރެއިން ޕާކިސްތާން ފިޔަވައި އަނެއް ހަތް ގައުމު ވާދަކުރާ މުބާރާތް ފަށަން ކުރިން އޮތީ ސްރީލަންކާ އާއި ނޭޕާލް ކުޅޭ މެޗުން މިއަދު ހަވީރު 3:30ގަ އެވެ. ނަމަވެސް މިހާރު މި މެޗު ފަށާނީ އިރުއޮއްދި 6:30ގަ އެވެ. ނަމަވެސް މިގޮތަށް ހަމަޖެއްސި ވަކި ސަބަބެއް ސާފް އާއި މުބާރާތް އިންތިޒާމްކުރާ ވޯލްޑް ސްޕޯޓްސް ގްރޫޕުން ނުބުނެ އެވެ.

އިންޑިޔާގެ ޓްރިވެންޑްރަަމުގައި މިމަހުގެ 23 އިން ޖެނުއަރީ 3 އަކަށް ބާއްވާ މުބާރާތް ހުޅުވައިދޭނީ ކެރެލާގެ ސްޕޯޓްސް މިނިސްޓަރު ތިރޫ ވަންތޫރު ރަދަކްރިޝްނާން އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ވާދަކުރަނީ ނޭޕާލާއި ލަންކާ އަދި އިންޑިޔާ އެވެ. ގްރޫޕް ބީގައި ވާދަކުރަނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ރާއްޖެ އާއި ބޫޓާނެވެ.

ސެމީ ފައިނަލާއި ފައިނަލް މެޗާއެކު ޖުމުލަ 15 މެޗު ކުޅޭ މުބާރާތުގެ މެޗުތައް ކުޅެން ނިންމާފައިވަނީ 3:30 އާއި 6:30ގަ އެވެ.

މުބާރާތް ފެށުން ފަސްކުރިއިރު މުބާރާތުގެ އިންތިޒާމްތަކާމެދު ޓީމުތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.