ސާފް ސުޒުކީ ކަޕް

ޓިކެޓް ހިލޭ ނުލިބިދާނެ، އެންމެ ރަނގަޅީ ޓިކެޓް ގަތުން!

"ކޮބާ ކިހާއިރަކު ޓިކެޓް ލިބެނީ. ކޮންއިރަކު ޓިކެޓް ބަހަން ފަށަނީ. މިހާރު ދަނޑުކައިރިއަށް ވެސް ގޮސްފިން ޓިކެޓް ލިބޭނެ ކަމަށް ބަލާފައި،" ޓްރިވެންޑަރަމުގެ މަޑުމަތިން ދިމާވި ދެ ދިވެހިން ސުވާލުކުރި އެވެ.

މުބާރާތް އިންތިޒާމްކުރާ ވޯލްޑް ސްޕޯޓްސް ގްރޫޕުން ޓީމުތަކަށް ޓިކެޓްދޭނެ އަދަދަކާއި އުސޫލެއް އަދި ފައިނަލް ނުކުރާތީވެ ޓިކެޓް ހިލޭ ނުލިބިދާނެ ކަމަށް އޭނާ ގާތު ބުނީމެވެ. މިހެންވެ އެންމެ ރަނގަޅު އަދި ފަސޭހަ ގޮތަކީ ފަހަށް މަޑުނުކޮށް 100 ރުޕީސް އަށް ޓިކެޓެއް ގަތުން ކަމަށް ވެސް ބުނީމެވެ.

"އެކަމަކު ހިލޭ ލިބެންޏާ އެންމެ ލާރިއެއް ވެސް ހަރަދުނުކޮށްވޭތޯ ބަލަންވާނެއެއްނު. އެހެންވެ މިވާހަކަ އަހާލަން މިޖެހެނީ. އެކަމަކު ތިކަން ގޮތަށް އޮތިއްޔާ ގަނެގެން ވެސް މެޗު ބަލަންޖެހޭނެ،" ގދ. ވާދޫ އަށް ނިސްބަތްވާ އެމީހާ ބުންޏެވެ.

މިއަދުން ފެށިގެން ޖެނުއަރީ ތިނަކަށް އިންޑިޔާގައި ކުރިއަށްދާނެ ސާކް ގައުމުތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ރާއްޖެ ފަށާނީ މާދަމާ ހަވީރު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު ބައްދަލުކުރާނީ ބަނގްލަދޭޝްއާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެމްޕިއަން އަފްގާނިސްތާނާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހު އެވެ.

ރާއްޖެ ޔަގީނުން ވެސް ކުޅެންޖެހޭ މި ތިން މެޗަށް ހިލޭ ޓިކެޓުގައި ދަނޑަށް ވަނުމަށް މިވަގުތު ޓްރިވެންޑަރަމުގައި ތިބި އެތައްހާސް ދިވެހިންނެއް ދަނީ ތައްޔާރުވަމުންނެވެ. ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލްގެ އިސް އޮފިޝަލަކު ބުނީ މިއީ ސްކޫލް ބަންދު ދުވަސްވަރު ކަމުން މިވަގުތު ބޭސްފަރުވާ އާއި ޗުއްޓީއަށް ގާތްގަނޑަކަށް 8000 އާއި 10000 ދެމެދުގެ އަދަދަކަށް ދިވެހިން އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ޔަގީންކޮށް ބުނާކަށް ނޭނގެ މީހުން ތިބި އަދަދެއް. އަބަދުވެސް ހަތަރުހާސް ވަރަކަށް މީހުން އުޅޭ. އެކަމަކު މިއީ ބަންދު ދުވަސްވަރުވީމަ އެއަދަދު ޑަބަލްވުން ވަރަށް ގާތް. އަދި ޓިކެޓް ލިބޭނެ އަދަދެއް ވެސް ނޭނގެ. އެހެންވީމަ އަދި ބަޔަކަށް އެއްވެސް ޔަގީންކަމެއް ނުދެވޭނެ ވަކިގޮތެއް އެނގުމުގެ ކުރިން،" އޮފިޝަލް ވިދާޅުވި އެވެ.

މުބާރާޓުގެ ޓިކެޓްތައް ވިއްކަނީ 100 ރުޕީސް އާއި 300 އަދި 400 އާއި 700 ރުޕީސް އަށެވެ. މީގެ ތެރެއިން އެންމެ އަގުހެޔޮ ޓިކެޓެއް ޖެހެނީ ދިވެހި 23 ރުފިޔާ އަށެވެ.

ނަމަވެސް ގިނަ ބަޔަކު ހިލޭ ޓިކެޓް ލިބޭނެ ކަމަށް ބަރޯސާވެގެން ތިބީ މުބާރާތުގެ މާކުރިން ދިވެހި ޓީމަށް ލިބޭ ޓިކެޓްތައް ދިވެހިންނަށް ހިލޭ ބަހަން އެފްއޭއެމުން ނިންމުމުންނެވެ. ނަމަވެސް މިއަދު ފަށާ މުބާރާތުގައި ޓީމުތަކަށް ޓިކެޓްދޭނެ ގޮތެއް ހަމަޖައްސާފައި ނެތުމުން އެފްއޭއެމުން ވެސް ވަނީ މިކަމަށް ވާހަކަ ދައްކަން އުޒުރުވެރިވެފަ އެވެ.

ނަމަވެސް 50000 މީހުންނަށް ކުޅިބަލަން ވަދެވޭ ގްރީން ފީލްޑް އިންޓަނޭޝަނަލް ސްޓޭއަމުން ދިވެހި ޓީމަށް 10000 ޓިކެޓް ކޮންމެ މެޗަކުން ވެސް ދިނުމަށް އެފްއޭއެމުން ވަނީ ވޯލްޑް ސްޕޯޓްސް ގްރޫޕުގައި އެދިފަ އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް އިންޑިޔާގައި ބާއްވާ ތިން ވަނަ ފަހަރަށްވާއިރު މުބާރާތުގެ އިންތިޒާމްތައް އަދި ހަމަ ސުމެކެވެ. މުބާރާތް މާކެޓް ނުކުރެވޭއިރު ޓީމުތަކުގެ ދަތޔރުފަތުރާއި އެކޮމޮޑޭޝަނާއި ޕްރެކްޓިސް ކުރުމުގެ އިންތިޒާމްތައް ވެސް ފީކަޅާކަމުން ކޯޗުންނާއި ކުޅުންތެރިން ވަނީ އިއްޔެ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

އަދި މި މައްސަލާގައި މުބާރާޓުގެ ލޯކަލް އޮގަނައިޒިން ކޮމިޓީ ކަމަށްވާ ކެރެލާ ފުޓްބޯޅަ އެސޯސިއޭޝަނާއި ޑަބްލިއު އެސްޖީ އާއި ސާފުގެ އޮފިޝަލުން އެއްބަޔަކު އަނެއްބަޔަު ކުށްވެރިކުރަމުންދާއިރު ކެރެލާ އެފްއޭއިން އިއްޔެ ވަނީ ޓީމުތަކުގެ ޕްރީ މެޗު ޕްރެސްކޮންފަރެންސް ނިމުމުން ތާޖް ހޮޓަލުގައި ހަމަނުޖެހުން ވެސް ހިންގައިފަ އެވެ. އެމީހުން ބުނީ މީގެ ދެ މަސްކުރިން ސާފަށް މުބާރާތުގެ ބަޖެޓް ފޮނުވި ކަމަށާއި ނަމަވެސް އެކަމާ އަޅާނުލާ ކަމަށެވެ. އަދި މިހާތަނަށް އެމީހުން މަސައްކަތްކުރީ ހިލޭސާބަހަށް ކަމަށާއި އިންތިޒާމް ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ވޯލްޑް ސްޕޯޓްސް ގްރޫޕާއި ސާފުން ކަމަށެވެ.