އަލީ ވަހީދު

އަލީ ހައްޔަރުކުރަން އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތު ލިބޭ އަލީ، ހައްޔަރުކުރަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާކަން ފުލުހުން ވަނީ އަވަސް އަށް މިއަދު ޔަގީންކޮށްދީފަ އެވެ. އެކަމަކު އަދި އިންޓަޕޯލްގެ ވެބްސައިޓުގައި އެ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ.

އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ނެރުނު ތާރީހެއް ވެސް ބުނެފައެއް ނުވެ އެވެ.

ފުލުހުން މިއަދު ބުނީ، ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލީ ދިރިއުޅޭ ސަރަހައްދާއި އުޅޭ ތަނުގެ މައުލޫމާތު ވެސް ފުލުހުންނަށް މިހާރު ވަނީ ލިބިފަ އެވެ.

އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އަލީ ވަހީދު ހައްޔަރުކުރުމަށް ބޭނުންވާ އިނގިރޭސި ބަހުން ކޯޓު އަމުރެއް ފުލުހުންނަށް ކްރިމިނަލް ކޯޓުން ދީފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ފުރުމަށް ކޯޓުން ހުއްދަ ދިނުުމުން އޭނާ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ. ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި އަލީ ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ނިންމަވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކުރައްވާފަ އެވެ.

އަލީއާ ޖާމިނުވި ކުރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ، ކޯޓުގެ އަމުރުތަކަށް ކިޔަމަންނުވެ، ކޯޓުގެ ހުރުމަތް ކަނޑައިފައިވާތީ، 15 ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށްވެސް އިއްވި އެވެ. އަސްއަދު މިހާރު ދަނީ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ.