ޓޫރިޒަމް

ރާއްޖޭގެ ޓޫރިޒަމްގެ ބެޑްކެޕޭސީޓީ 60،000 އަށްވުރެ މައްޗަށް

ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭން ހުރި ބެޑްކެޕޭސިޓީ 60،000 އަށްވުރެ ފުރަތަމަ ފަހަރަށް އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ބެޑް ކެޕޭސިޓީ އުޅެނީ 60,055 އެވެ. މީގެތެރޭގައި ހިމެނެނީ 167 ރިސޯޓެއްގައި ހުރި 39,897 އެނދާއި 851 ގެސްޓްހައުސްއެއްގައި ހުރި 17,221 އެނދު އަދި 152 ސަފާރީއެއްގައި ހުރި 2,937 އެނދެވެ.

ރާއްޖޭގެ ޖުމްލަ ބެޑްކެޕޭސިޓީ 60،000 އަށްވުރެ އިތުރުވީނަމަވެސް މިހާރު ހިދުމަތް ދެމުން ނުވަތަ އޮޕަރޭޝަން ކެޕޭސިޓީގެ ގޮތުގައި ހުރީ 54,178 އެނދެވެ.

އޮޕަރޭޝަން ކެޕޭސިޓީ ބެހިފައިވާ ގޮތް

  • 162 ރިސޯޓު: 38,822 އެނދު
  • 643 ގެސްޓްހައުސް: 12،444 އެނދު
  • 148 ސަފާރީ: 2,912 އެނދު

ރާއްޖޭގައި ގެސްޓްހައުސް ހުރި ރަށްތަކަށް ބަލާއިރު މާލެ އަތޮޅުގައި 5,786 އެނދު އެބަހުއްޓެވެ. މި ސަރަހައްދުގެ ގްރޭޓާ މާލެ ރީޖަންގައި 73 ގެސްޓްހައުސްއެއްގައި 2,338 އެނދު އެބަހުއްޓެވެ. އަދި ރާއްޖޭން އެންމެ ގެސްޓްހައުސް ގިނަ މާފުށީގައި 46 ގެސްޓްހުސްއެއްގައި 1,578 އެނދު އެބަހުއްޓެވެ. އަދި މާލެ އަތޮޅު ނަގާފައި ދެން އެންމެ އެނދު ގިނަ އއ. އަތޮޅުގައި 1,568 އެނދު އެބަހުއްޓެވެ. މި އަތޮޅުން އެންމެ އެނދު ގިނަ ރަށް ކަމަށްވާ އއ. ތޮއްޑޫގައި 45 ގެސްޓްހައުސް ހުންނައިރު މި ތަންތަނުގައި 588 އެނދުގައި ހިދުމަތް ދެމުން ގެންދެ އެވެ.

ބެޑްކެޕޭސިޓީ އިތުރުވީނަމަވެސް މިހާރު ހުޅުވަމުން ގެންދަނީ ވޭތުވެދިޔަ ވެރިކަމުގައި ދޫކުރި ފަޅުތަކާއި ރަށްތަކުގައި ހަދަމުން ގެންދާ ރިސޯޓުތަކެވެ. އެ ވެރިކަމުގައި 50 ރިސޯޓެއް ހުޅުވާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މިހާތަނަށް މި ފަސް އަހަރު އަލަށް ރަށެއް ދޫކޮށް ރިސޯޓެއް ހުޅުވާފައެއް ނުވެ އެވެ. ނަމަވެސް ރިސޯޓު ހަދަން ދެ ބުރަކަށް ރަށް ދޫކުރަން ބިޑު ކުރި އެވެ.