ފިނިޕޭޖް

އާ އަހަރުގެ ޝޯއަށް މިފަހަރު އާތިފް އަސްލަމް

އާ އަހަރުގެ ފެށުމާއި، "ވިޒިޓް މޯލްޑިވްސް އިޔާ" ފެށުމަށް މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވާ ވިޒިޓް މޯލްޑިވްސް އިޔާގެ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

އެ ޝޯ އިންތިޒާމް ކުރާ ދައުލަތުގެ މީޑިއާ، ޑިރެކްޓަރު އޮފް ޕްރޮގްރާމްސް މުހައްމަދު ނިޔާޒު "އަވަސް"އަށް މިއަދު ވިދާޅުވީ ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް ފެށުމަށް މި މަހުގެ 30 އާއި 31 ވަނަ ދުވަހުގެ ރޭ ކާނިވަލްގައި ބާއްވާ ޝޯގައި ޕާކިސްތާނަށް އުފަން ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ލަވަތައް ހުށަހަޅައިދޭނެ އެވެ. ރާއްޖެއަށް ޝޯ ހުށަހަޅައިދިނުމަށް އަންނާނެ ކަން އާތިފް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި އުފަލާ އެކު އިއުލާންކޮށްފަ އެވެ.

ނިޔާޒް ވިދާޅުވީ، އިންޑިޔާގެ މަޝްހޫރު ޓީވީ ޝޯ، "އިންޑިޔާ ގޮޓް ޓެލެންޓް" އާއި "ޑާންސް ޕްލަސް" އިން މި އަހަރު އެއް ވަނަ ހޯދި ޑާންސް ގްރޫޕް، "ވީ ކޮމްޕެނީ"ގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޕީއެސްއެމްއާ އެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް ފެށުމަށް ބާއްވާ ޝޯގެ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމް އިންނެވެ.

މީގެ ކުރިން އަހަރު ފެށުމަށް ބޭއްވި، ޓޫރިޒަމް ކައުންޓް ޑައުން ޝޯއަށް އޭކަން އާއި ބޮލީވޫޑް އަދި އެންމެ މަޝްހޫރު ތަރިން ކަމަށްވާ ބިޕާޝާ އަދި ޕްރިޔަންކާ ވަނީ ބައިވެރިވެފަ އެވެ. އަދި ޖުމްހޫރީ 50 ފާހަގަ ކުރުމަށް ބޭއްވި، މިޔުޒިކް ޝޯގައި ސަނަމް ބޭންޑްއިން ދިވެހި ފަންނާން މީރާ އާ އެކު ހުށަހެޅުންތަކެއް ވަނީ ހުށަހަޅައިފަ އެވެ.