އެސްޓީއޯ އިން ދުވާލަކު އެއް ފަހަރު ތެލުގެ އަގަށް ބަދަލު ގެނައި ނަމަވެސް، ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑު ކުރަން ނުޖެހޭ ކަމަށް ރެޑްވޭވުން ބުނެފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 155 ޑޮލަރަށް އުފުލި އިންފްލޭޝަންގެ މައްސަލައިގެ ބިރު ހީވެފައި ވަނިކޮށް، ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް (އައްޔު) ވިދާޅުވީ ހަގީގަތަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއި ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އަގާ ގުޅުމެއް ނެތް ކަމަށެވެ.
"އެސްޓީއޯ އިން ތެލުގެ އަގު ބޮޑު ކުރިއޭ ކިޔާފަ ޝެލްފް [ފިހާރައިގެ ރެކް] ތަކުގައި ހުންނަ ކިރު ދަޅުގެ އަގު ބޮޑު ކުރާކަން ނުޖެހޭ. ޑީސަލްގެ އަގަށް އަންނަ ބަދަލުން ބޮޑެށް ނުވާނެ. އެހެންނެއް ނޫން މިސާލަކަށް ކުޅުދުއްފުއްޓަށް ބޯޓުގައި މުދާ އުފުލަން ރަށަށް މުދާ ގެންދާއިރު މި ބޮޑުވީ ތަންކޮޅު ފެނިދާނެ،" އަލީ ވިދާޅުވި އެވެ.
ރާއްޖޭގެ ހޯލްސޭލް / ރީޓެއިލް ބާޒާރަށް އެންމެ ގިނައިން ކާބޯ ތަކެތި ވިއްކާ ކުންފުނީގެ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތެރިވާ އަލީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި މިހާރު އަގަށް އައިސްފައިވާ ބަދަލުގެ ބޮޑުބައެއް ހިއްސާ ކުރަނީ މުދާ އުފުލަން ބޭނުންކުރާ ކޮންޓެއިނާ މޫވް ކުރުމުގައި ހުރި ދަތިތަކެވެ.
"ކޮވިޑަށްފަހު 1500 ޑޮލަރަށް ހުރި ކޮންޓެއިނަރު 5،000 ޑޮލަރަށް މަތިވި. އެކަމަކު މިހާރު ކޮންމެވެސް ވަރަކަށް ދަށްވެގެން އެބަދޭ. އެހެންވީމަ މިހާރު ބޮޑުވާން ޖެހޭ ވަރަށް މިއޮތީ ބޮޑުވެފަ. ދެން އޮތީ ދަށްވުން،" އަލީ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގަށް އެންމެ ބޮޑަށް އަސަރު ކުރާ އެއް ބަހާއަކީ ތެލެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 155 ޑޮލަރަށެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވާނެ ކަމަށް މާހިރުން ވަނީ ބުނެފަ އެވެ. މިހާރުގެ ހާތަލަށް ބަލާއިރު އެމެރިކާގައި އިންފްލޭޝަން ވަނީ މިދިޔަ އަހަރާ އަޅާބަލާނަމަ 7.5 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. މިއީ 1982 ގެ ފަހުން މިވަރަށް އިންފްލޭޝަން އުފުލުނު ފުރަތަމަ ފަހަރެވެ.