ތޮއްޑޫ

ތޮއްޑޫގައި ތަކުރާރުކޮށް ހުޅުޖެހި ބަޔަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫގެ އެކި ހިސާބުތަކުގައި ތަކުރާރުކޮށް އަލިފާން ރޯކުރާ މައްސަލައިގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި އާންމުންނަށް އުދަގޫވާ ގޮތަށް ރަށު ތެރޭގައި އަލިިފާން ރޯކުރާ ކަމުގެ ޝަކުވާތަކެއް ފުލުހުންނަށް ލިބެމުން ދިއުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުުރެއްގެ ދަށުން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން އިއްޔެ ވަނީ ދެ ދުވަހުގެ މުއްދަތު ޖަހާފަ އެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް މިއަދު އަވަސް އަށް ވިދާޅުވީ ތަކުރާރުކޮށް ރަށުގެ އެކި ސަރަހައްދުތަކުގައި ބަޔަކު އަލިފާން ރޯކުރަމުން އަންނަ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން ދިޔަ ކަމަށެވެ. އަލިފާން ރޯކޮށްލުމުން ކައުންސިލުން ވެސް 10 ވަރަކަށް ފަހަރު އަލިފާން ނިއްވައިލުމުގައި ހަރަކާތްތެރިވި ކަމަށެވެ.

ކަރަމް ވިދާޅުވި ގޮތުގައި އެންމެ ފަހުން ރޯކޮށްލާފައި ވަނީ އެރަށުގެ ދަނޑު ބިންތަކާއި ޖެހިގެން އޮންނަ ހުސް ބިމެއްގަ އެވެ. އެއީ ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް 100 ގޯތި ދޫކުރަން އޮތް ބިމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރަށުގެ ހޭޅިފަށާއި ގެސްޓް ހައުސްތައް ހުންނަ ސަރަހައްދުގައި ވެސް އަލިފާން ރޯކުރާ ކަމަށާއި އެކަމަކު އެއްވެސް މީހެއްގެ ދަނޑަށް ގެއްްލުން ވެގެން ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަކުން ނޭނގެ ކޮންބައެއް ކަމެއް. ހައްޔަރުކޮށްފަ އެވަނީ ގެސްޓްހައުސްތައް ކައިރީ ރޯކޮށްލައިގެން އެތަނުގެ ކެމެރާއަށް އެރި މީހުން ކަމަށް ވަނީ،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށެވެ. އަދި މިދުވަސްވަރަކީ ތޮއްޑޫ ދަނޑުވެރިން ރޯދަ މަހަށް ބޭނުންވާ ތަކެތި ހެއްދުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ދުވަސްވަރެވެ. މީގެއިތުރުން ތޮއްޑޫ އަކީ ކ. މާފުށްޓަށް ފަހު މިހާރު ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރި ކުރަމުންދާ ރަށެވެ.