ރާއްޖެ ކުޅިވަރު

ނޭޕާލް ބަލިކޮށް ލަންކާ ސެމީއާ ގާތަށް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ހުޅުވަން ކުޅުނު މެޗުގެ ނިމެންދަނިކޮށް މިޑްފީލްޑަރު މުހައްމަދު ރިފްނާސް ނޭޕާލް 1-0 އިން ބަލިކޮށް ސްރީލަންކާ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މިއީ ކެރެލާގެ ސްޕޯޓްސް މިނިސްޓަރު ތިރޫ ވަންތޫރު ރަދަކްރިޝްނާން މިއަދު ހުޅުވައި ދެއްވި މުބާރާތުގައި ލަންކާ ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ނަތީޖާގެ ސަބަބުން ތިން ޓީޟު ވާދަކުރާ ގްރޫޕް އޭގައި މާދަމާ ނޫން އަނެއް ދުވަހު އިންޑިޔާއާއެކު ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސައިގެން ލަންކާ އަށް މުބާރާތުގެ ސެމީ އަށް ދެވޭނެ އެވެ.

ލަންކާ އަކީ ފާއިތުވެދިޔަ ފަސް އަހަރުތެރޭގައި މި މުބާރާތުގައި ފުރަތަމަ ބުރުން ކަޓަމުން އައި ޓީމެވެ. މިއާ ހިލާފަށް ނޭޕާލަކީ 2009 ވަަނަ އަހަރުން ފެށިގެން މުބާރާތުގެ ތައްޓަށް ވާދަކުރަމުން އަންނަ ގައުމެކެވެ.

މެޗުގެ ބޮޑުބައިގައި ނޭޕާލުން ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށް ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް އެ ގައުމުގެ ފޯވަޑުންނާ ހިސާބަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްދެވިފައިނުވެ އެވެ. ނަމަވެސް މެޗު ނިމެން ދިޔަ ވަރަކަށް ލަންކާއިން މެޗު ލަސްކުރަމުންދިޔަކަން ފާހަގަ ކުރެވުނެވެ. ހާއްސަކޮށް ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އަށް ގާތްގާތުގައި ފަރުވާދޭން ޖެހުނެވެ.

ސާކުގެ އަށް ގައުމުގެ ތެރެއިން ޕާކިސްތާން ފިޔަވައި އަނެއް ހަތް ގައުމު ވާދަކުރާ މުބާރާޓުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދިވެހިރާއްޖެ އާއި ބޫޓާނެވެ. އޭގެ ފަހުން ޗެމްޕިއަން އަފްގާނިސްތާނާ ބަނގްލަދޭޝް އެވެ.