ކުޅިވަރު

މޮޅުވީ ނަސީބަކުން، ބޭނުންވަނީ ގްރޫޕުގެ އެއްވަނަ: ލަންކާ ކޯޗު

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ނޭޕާލް އަތުން ފަހު ވަގުތު ލަންކާ މޮޅުވީ ނަސީބަކުން ކަމަށާއި ބޭނުންވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމަށް ކަމަށް އެ ޓީމުގެ ކޯޗު ބުނެފި އެވެ.

ކުރިން ރާއްޖޭގައި ވެސް މަސައްކަތްކުރި ސަމްޕަތު ޕެރޭރާ ބުނީ އޭނާގެ ގޭމް ޕްލޭނާ އެއްގޮތަަށް ލަންކާ ކުޅުންތެރިން ކުޅުނު ކަމަށެވެ.

"އަހަރުމެންގެ ނަސީބު ރަނގަޅީ ހަމަ. އަހަރެން ރޭވުންތަކާ އެއްގޮތަކަށް ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި. މިއީ ވަރަށް މަސައްކަތުން މޮޅުވި މެޗެއް،" ކޯޗު ބުންޏެވެ.

އިންޑިޔާއާއެކު ކުޅެން ޖެހޭ މެޗު ކުރިއަށް އޮތްއިރު ކޯޗު ބުނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިއުމަކީ މިހާރުގެ އަމާޒު ކަމަށެވެ.

"އެކަން ކުރެވިދާނެ. އަހަރުމެން އުއްމީދު ކުރަނީ އެއްވަނަ ހޯދަން،" ސަމްޕަތު ބުންޏެވެ.

މި މެޗުން މޮޅުވުމުން އިންޑިޔާއާއެކު މި މަހުގެ 27 ގައި ކުޅޭ މެޗު އެއްވަރުކޮށްގެން ވެސް ލަންކާ އަށް ސެމީ އަށް ދެވޭނެ އެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ރާއްޖެ އާއި ބޫޓާން އަދި އަފްގާނިސްތާނާއި ބަނގްލަދޭޝް އެވެ.