ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްރީލަންކާ އަތުން ނޭޕާލް ބަލިވި މެޗުގައި ތަފާތު ކަމެއް ފާހަގަ ކުރެވުނު ހެއްޔެވެ؟ މި މެޗުގައި ނޭޕާލުން މެޗު ފެށީ އެމީހުންގެ ރަސްމީ ރަތް ޖޯޒީގަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ލައިގެންތިބީ އެމީހުންގެ ނޫ ޖޯޒީބައިގެ ޓީޝާޓްތަކެވެ. އާއްމުކޮށް ނޭޕާލް އަކީ ޖާޒީގެ ކުލައިން ސޯޓު އަދި ސްޓާކީން ވެސް ބޭނުންކުރާ ޓީމެކެވެ. އެކަމަކު މިއަދު ތަފާތުވީ ކީއްވެހެއްޔެވެ؟
"އަހަންނަކަށް ނޭނގެ މިހެންވާންޖެހޭ ސަބަބެއް. މުބާރާތުގެ ކުރިން މެނޭޖާސް މީޓިން ވެސް ބާއްވާ. އެތަނުގައި ޖާޒީއާ އެއްޗެހި ދައްކައި ހަދާނެ. މެޗު ފެށުމުގެ ކުރިން ވެސް ރެފްރީން ވެސް ޗެކްކުރާނެ. އަހަންނަކަށް ނޭނގެ ރެފްރީން މި ގޮތަށް މެޗު ކުޅުވަން އެއްބަސްވީ ކީއްވެ ކަމެއް. ފުރަތަމަ ހާފުގައި ދެ ޓީމުގަ ޖާޒީގެ ކުލަ އެއްގޮތްކަން ބޮޑުކަމުން އަހަރުމެންގެ ކުޅުންތެރިންނަށް އުނދަގޫވާތީވެ ފަހުހާފުގައި ޖާޒީ ބަދަލުކުރީ. މުބާރާތުގެ އިންތިޒާމްތައް ދަށްކޮށް ހުރި ނަމަވެސް މިކަންކަން މިހެން ހުންނަވީ ސަބަބެއްނޭނގުނު،" މެޗަށް ފަހު ވާހަކަ ދައްކަމުން ނޭޕާލް ޓީމުގެ ކޯޗު ޕެޓްރިކް ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ.
މި މެޗުގައި ލަންކާ ކުޅުންތެރިން ލައިގެން ތިބީ ގަދަ މުށިފާޑުގެ ކުލައެކެވެ. މިހެންވެ ރަތާއި އެކުލަ އެކުވުމުން ނޭޕާލް ކުޅުންތެރިންނަށް އަމިއްލަ ޓީމުގެ ކުޅުންތެރިން ދުރުން ވަކިކުރަން އުނދަގޫވީ އެވެ.
ކޯޗު މިއަދު ބުނީ ޖޯޒީގެ ކަންތައް ގޯހުން ގޯހަށް ދިޔައިރު މިއަދުގެ މެޗަކީ އެހެން ހުރިހާ ގޮތަކުން ވެސް އޭނާގެ ޓީމަށް ގޯސް މެޗެއް ކަމަށެވެ.
"ވަކި ކަމެއްނޫން. ހުރިހާ ކަމެއްވެސް މިއަދު ގޯހޭ ބުނެވޭނީ. އަހަރުމެން ރަނގަަޅަށް ކުޅެކުޅެ ތިއްބައި ގޯލު ޖެހީ. ހުރިހާ ރޭވުމެއް ވެސް ނާކާމިޔާބުވީ. ގެނައި ބަދަލުތައް ވެސް މަސައްކަތްނުކުރި. ޖުމުލަކޮށް މުޅިން ގޯސްކޮށް ހުރިހާކަމެއް ދިޔައީމަ މިހެންމިވީ،" ކޯޗު ބުންޏެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕުގައި ނޭޕާލަށް ބާކީ އޮންނާނީ އިންޑިޔާ މެޗު އެކަންޏެވެ. މިހެންވެ ކޯޗު ބުނީ ސެމީ ފައިނަލަށް ދިއުމަށް ވަރަށް ބޮޑަށް އުނދަގޫވާނެ ކަަމަށެވެ.
"ފައިނަލެއް އެއީ އަހަރުމެންނަށް. ސެމީ އަށް ދާން މިހާރު ފަސޭހަނުވާނެ. އަހަރުމެން ޖެހޭނެ ވަރަށް މަސައްކަތް ކުރަން،" ކޯޗު ބުންޏެވެ