ރައްޔިތުންގެ މަޖިލިސް

ކޯޓުތަކާ ބެހޭ ބިލް ކޮމިޓީއަށް

ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލު މަޖިލީހަށް ތައާރަފްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި އިތުރަށް ދިރާސާކުރަން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ތަޅުމުން މި ނިންމުން ފާސްކުރީ 58 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މި ބިލުގެ ބޭނުމަކީ ޝަރުއީ ކޯޓުތަކާއި އެ ތަންތަނުގައި ހިންގާ ޝަރީއަތްތައް ހިންގަމުންދަނީ އެ ނިޒާމުގައި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތްތަކުގެ މަތިން ކޯޓުތަަކަށް ކަނޑައެޅިފައިވާ އިހުތިސާސްތަކާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ބިލުގައި ވަނީ ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނިންމާފައިވާ ދެ ނިންމުމާއެކު ބައެއް ގަވައިދުތަކާއި، ގަރާރުތަކާއި، ސާކިއުލާތަކާއި އަދި ބައެއް އާންމު ސިޓީތައް އުވާލުމަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް މިގޮތަށް ސުޕްރީމް ކޯޓުގެ ނިންމުންތަކެއް ގާނޫނަކުން އުވާލެވިދާނެތޯ ސުވާލު އުފައްދަވާ ބައެއް މެމްބަރުން ވަނީ ފާޑުވިދާޅުވެފަ އެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލާ މުއްދަތު ތިން މަހަށް އިތުރުކުރަން ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ކޯޓުތަކަށް ލިބިފައިވާ އިހްތިސާސްގެ ތެރެއިން ބަލަމުންދާ މައްސަލައެއްގައި އިޖުރާއަތްތަކުގެ ދަށުން ކުރާ އަމުރެއް ނުވަތަ ނިންމުމެއް ފިޔަވައި، އެއްވެސް ކޯޓަކުން އަމިއްލަ އިސް ނެގުމުގެ މަތިން ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.