ސާފް ސުޒުކީ ކަޕް

ވާދަކުރަނީ ދެ އިމްރާން، ކޯޗުގެ އެއްވަނަ ކީޕަރަކަށްވާނީ ކާކު؟

ސާކް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދަން ރާއްޖެ މިއަދު ފުރަތަމަ މެޗަށް ނުކުންނައިރު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ ދެ ކުޅުންތެރިންނަކީ ގައުމީ ޓީމުގައި ހިމެނޭ ދެ ކީޕަރުންނަށެވެ. މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދާއި ޓީސީގެ ކީޕަރު މުހައްމަދު އިމްރާނަށެވެ. މިއަދުގެ މެޗުގައި ކޯޗު ރިކީ ހާބަޓް ފުރަތަމަ 11ގައި ކުޅުވާނީ މީގެ ތެރެއިން ކޮން ކީޕަރަކު ލައްވައިތޯ މިވަނީ ސުވާލު އުފެދިފަ އެވެ.

އިއްޔެ ހަވީރު ބޭއްވި ޓީމުގެ ފަރިތަކުރުންތަކަށް ފަހު ކޯޗު ރިކީ ހާބަޓްއާ އެސުވާލު ކުރުމުން އޭނާ ބުނީ ކީޕަރު އަންގިދޭނެ މީހަކު އޭނާ ރޭ ހޮވައި ނިންމާނެ ކަމަށެވެ.

" ދެ ކީޕަރުންކުރެ މީހަކު ހޮވަން އެކަންޏެއްނޫން އުނދަގޫވީ. މުޅި ޓީމު ފައިނަލް ކުރަން ވެސް އުނދަގޫވި. އެކަަމަކު މިރޭ އަހަރެން ނިންމާނަން ކުޅޭނީ ކާކުތޯ،" ކޯޗު ބުންޏެވެ.

ގައުމީ ޓީމުގައި ދެ ކީޕަރުންގެ ތެރެއިން އިމްރާން މުހައްމަދަކީ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާ އަކީ 2000 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ އެއްވަނަ ކީޕަރެވެ. ސާފް ޗެމްޕިއަންޝިޕުގެ ތަށީ 2008 ވަނަ އަހަރު ރާއްޖެ އަށް ކާމިޔާބުކޮށްދިން ފަހުރުވެރި ކީޕަރެވެ.

ޓީސީގެ ކީޕަރު މުހައްމަދު އިމްރާނަކީ މިދިޔަ ޖޫން މަހުން ފެށިގެން ގައުމީ ޓީމުގެ ގޯލު ބަަހައްޓަމުން އަންނަ ކީޕަރެވެ. އޭނާ އަށް އެއްވަނަ ކީޕަރުކަން ލިބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ގައުމުން ބޭރުގައި ކުޅުނު މެޗުގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ގައުމީ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސީޒަން ފާފޯމަންްސް ވެސް އެހާމެ ރަނގަޅެވެ.

މިއާ ހިލާފަށް އިމްރާނު މުހައްމަދު ހުރީ ޖޫން މަހުން ފެށިގެން ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަންދެން ހުރީ އެއްވެސް މެޗެއް ނުކުޅެވެ އެވެ. ޓީމުގައި ދެންތިބި ދެ ކީޕަރުންގެ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް މެޗެއް ކުޅެވޭ ވަރަށް ފިޓެއްނުވެ އެވެ. އޭނާ މުޅި ސީޒަނުގައި ހުރީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. ބީޖީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފް ޓީމާއެކު ފަރިތަކުރި ނަމަވެސް އޭނާ ޓީމު ލިސްޓުގައި ނުޖަހަ އެވެ.

"އެ ދެމީހުން (ދެ އިމްރާން) އަކީ ވެސް މޮޅު ދެ ކީޕަރުން. (މާޒިޔާގެ) ކީޕަރު އިމްރާން ޓީމާއެކު ހުރުމަކީ އެހެން ކުޅުންތެރިންނަށް ވެސް ލިބޭ ހިތްހަމަޖެހުމެއް. އޭނާގެ ވާހަކަ ދައްކަން މިޖެހެނީ ވެސް ސަބަބެއް އޮވެގެން. އޭނާ ފިޓްވުމަކީ މުޅި ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް އުއްމީދެއް،" ކޯޗު ބުންޏެވެ.

ނިއުޒީލޭންޑްގެ ކުރީގެ ގައުމީ ކޯޗު ހާބަޓްގެ މި ވާހަކަތަކަށް ބަލާއިރު އެއްވަނަ ކީޕަރުކަން ދޭނެ ކަމަށް ބޮޑަށް ބެލެވެނީ މާޒިޔާގެ ކީޕަރު އިމްރާނަށެވެ. 100 ޕަސެންޓް ފިޓްނޫން ނަމަވެސް އިމްރާނުގެ ބޭނުން ޓީމަށް ބޮޑުކަމާއި އޭނާގެ ބޭނުން ވަރަށް ބޮޑަށް ކުރެވިދާނެ ކަމަށް ކޯޗުގެ ވާހަކަތަކުން ދޭހަކޮށްދެ އެވެ.