ރާއްޖެ ކުޅިވަރު

ބަކާ އާއި އަޑުބަރޭ ތިބީ ތައްޓާމެދު ބޮޑު އުއްމީދެއްގައި

ސާފް ސުޒުކީ ކަޕުގައި ބޫޓާން ބަލިކޮށް ރާއްޖެ ކެމްޕޭން ފެށިއިރު ތަށި ލިބޭނެ ކަމުގެ ޔަގީންކަން ބޮޑުކަމަށް މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އާއި މުހައްމަދު އާރިފް (ބަކާ) ބުނެފި އެވެ.

އަޑުބަރޭ ބުނީ މިހާތަނަށް މުބާރާތަށް ތައްޔާރުވެފައިވާ ވަރާއަޅާ ބަލާއިރު ތައްޓާމެދު އުއްމީދު ބޮޑު ކަމަށެވެ.

"މިހާތަނަށް ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރަމުން އައިސްފައިވަނީ. އަހަރުމެން ހުރިހާ ކުޅުންތެރިން ވެސް މިތިބީ ދިވެހި ސަޕޯޓަރުންނަށް މިފަހަރު ކާމިޔާބު ހޯދައިދޭން. ތައްޓާމެދު ވަރަށް ބޮޑު އުއްމީދެއް އެބައޮތް،" ނިއުރޭޑިއަންޓްގެ ކެޕްޓަންކަން ނިމިދިޔަ ސީޒަނުގައި ކުރުމަށްފަހު އަންނަ އަހަރު މާޒިޔާ އަށް ކުޅެން ސޮއިކޮށްފައިވާ ކުޅުންތެރިޔާ ބުންޏެވެ.

ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ބުނީ މި ފަހަރުގެ ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި އުއްމީދަކީ ކާމިޔާބު ހޯދުން ކަމަށެވެ. އަދި ކޯޗު ރިކީ ހާބަޓް އަކީ ތައުރީފްކުރަން ހައްގު ކޯޗެއް ކަމަށެވެ.

"މި ކޯޗަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދޭ ކޯޗެއް. އަޅުގަނޑަށް ހަމަޔަގީން މި ކޯޗު ރަނގަޅު ޓީމެއް ކުރިއަށް އޮތްތަނުގައި ބިނާކުރާނެކަން. އަހަރުމެން މިތިބީ ވަރަށް ހިތްހަމަޖެހިގެން. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ،" 2008 ވަަނަ އަހަރުގެ މުބާރާތުން ގައުމީ ޓީމު ރަންމެޑަލް ހޯދިއިރު ވެސް ޓީމުގައި ހުރި ބަކާ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗަށް ފަހު ދެ ވަނަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ބަނގްލަދޭޝްއާ އެވެ. އެއަށްފަހު ހޯމަ ދުވަހު ކުޅޭނީ ޗެމްޕިއަން އަފްގާނިސްތާނާ އެވެ.