ސާފް ސުޒުކީ ކަޕް

ރަތް ހެދުމުގައި ދިވެހިން މިއަދަށް ތައްޔާރު

  • ޓްރެވިންޑްރަމްގައި ތިބި ގިނަ ދިވެހިން މެޗަށް ދާނެ
  • ހިލޭ ޓިކެޓް ނުލިބި ބައެއް މީހުން ތިބީ ރުޅިއަރާފައި
  • ރާއްޖެ-ބޫޓާން މެޗް ފަށާނީ 3:00 ގައި

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ލަންކާ އަތުން ނޭޕާލް ބަލިވި މެޗަށް ފަހު އެނބުރި ހޮޓަލަށްދިއުމަށް ސްޓޭޑިއަމުން ނުކުމެގެން ހިނގައިގަތީމެވެ. އަޑިގުޑަންބޮޑު ހަނިހަނިކޮށް އޮތް މާސިންގާ ދިގު މަގަކުން ގޮސް މައިމަގަށް ނުކުމެވުނުއިރު އިންތިހާ އަށް ވަރުބަލިވެފައި ހުރުމުން އަޅުގަނޑާ އެއް ހޮޓަލެއްގައި ތިބޭ ޕީއެސްއެމްގެ ނޫސްވެރިންނާއެކު ގޯޅި ކަންމަތީގައި މަޑުކޮށްލީމެވެ. އޮޓޯއެއް ހޯދަން އަތްއުފުލަމުން ދަނިކޮށް މަޑުކޮށްލި އޮޓޯއެއްގައި ދިވެހި މަންމައަކާއި އޭނާގެ ކުޑަދެކުދިން ތިއްބެވެ. އެއީ ދިވެހިންކަން އެނގުނީ ވެސް އޮޓޯއާ ގާތްވެލުމުންނެވެ.

"ޓިކެޓް ގަންނަން ވެގެން ހުސްވެދާނެތީވެ މިއައީ. ކޮންތާކުން ޓިކެޓް ވިއްކަނީ. މިހާރު ވިއްކައޭ ބުނީމަ ވަރަށް ދުރުން މިއައީ،" ދެކުދިން ދެ އަރިމައްޗަށް ލައިގެން އޮޓޯގައި އިން އަންހެންމީހާ ވާހަކަ ފެށި އެވެ.

އެއިރު ގަޑިން 9 ޖަހާ ބޮޑުވެފައިވުމުން ޓިކެޓް ކައުންޓަރުތައް ބަންދުކޮށްފި އެވެ. އަދި މިއަދު ހަވީރު ބޫޓާނާއެކު ރާއްޖެ ކުޅޭ މެޗުގެ ޓިކެޓް އެއިރު ވިއްކަން ވެސް އަދި ނުފަށަ އެވެ. މެޗުގެ ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށް އޭނާ ގާތު ބުނީމެވެ.

މި މެޗަށް ޓިކެޓް ނުލިބިގެން ދިވެހިން ވަނީ މިއަދު ވަރަށް ބޮޑަށް ޝަކުވާކޮށްފަ އެވެ. ގާތްގަނޑަކަށް 50000 މީހުންނަށް ކުޅިބަލަން ވަދެވޭ ޓްރިވެންޑްރަމުގެ ގްރީން ފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމް އަށް ދިއުމުގެ ކުރިން ދިވެހިންގެ ހަރަކާތްތަކަށް ފާރަވެރިވީމެވެ. ގިނަ މީހުންގެ ހިލޭ ޓިކެޓް ދިނުމަށް އެފްއޭއެމުން މަސައްކަތްކުރާނެ ވާހަަކަ ބުނެފައިވާތީވެ އެޓިކެޓް ނުލިބިގެން ތިބީ ރަތުގަ އެވެ.

"އެތައް ފަހަރަކު އެމްބަސީ އަށް (ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސޫލް) އަށް ގުޅައިފިން. އެތަނަށް ދާން ވެސް ދިޔައިން. ނުލިބޭ ޓިކެޓެއް. މިދެން ކިހާ ދެރަކަމެއް. ތިބޭފުޅުން ގާތު އަހަން މިޖެހެނީ އަޅުގަނޑުމެން ދަނޑަށް ދާން ބޭނުންވާތީވެ،" މެޑިކަލް ކޮލެޖް ސަރަހައްދުން ދިމާވި ހަތަރު އަންހެނުންގެ ތެރެއިން އެކަކު ޝަކުވާކުރަމުން ބުންޏެވެ.

އެތަނުން އެހެން އަންހެނަކު ބުނީ "މިހާރު ރަތް ހެދުން ވެސް ފަހައިފިން،" ކަމަށާއި ނަމަވެސް ހިލޭދޭ ޓިކެޓް ލިބޭނެކަމުގެ އިންތިޒާރެއްގައި ހުރި ކަމަށެވެ.

"އަޅުގަނޑުމެން ސަޕޯޓްކުރަން ދާން ބޭނުންވޭ. އެމްބަސީން ބުނަނީ ދެ މެޗުގެ ޓިކެޓް އެއްފަހަރާއޭ ލިބޭނީ. އެގޮތެއް ބޭނުމެއްނޫން. އަހަރުމެން ބޭނުންވަނީ ދިވެހިރާއްޖެ ކުޅޭ މެޗުގެ ޓިކެޓް. ޓިކެޓް ބަހަން ބުނެފަ މިހާރު އެއްވެސް ހަބަރެއްނުވޭ. އެތަނުން މިހާރު ފޯނެއްވެސް ނުނަގާ. މިކަމާ އުޅޭ މީހަކު ވެސް ހުރީކީނޫން. އެންމެން ފިލައިގެން އުޅެނީ،" ވަރަށް ރުޅިއައިސްފައި ހުރެ އަންހެން މީހާ ބުންޏެވެ.

އޭނާގެ ވާހަކަ އަޑުއަހަން ހުރެފައި ތަންކޮޅެއް ދުރުގައި ހުރި ފިރިހެނަކު ވެސް އައިސް އޭނާގެ ޝަކުވާތައް ވެސް ބަންޑުން ކޮށްލި އެވެ.

"މިހާރު އަހަރެން ވެސް ގަނެފިން ރަތް ހެދުމަކާއި ފަޓުލޫނަކާ. އަދި ރަތްކުލައިގެ ބޫޓެއް ވެސް ގަނެފިން. މިހާ ބޮޑަށް ހަރަދުކުރާނީ ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮތީމަތާ. އެކަަަމަކު ޓިކެޓަށް ވާގޮތެއް ނޭނގެ. ދެން ހަދަންވީ ގޮތް އެހެންވީމަ ތިޔަބޭފުޅުން ބުނެދީ. ދަނޑަށް ދާން ކިތަންމެހާ ވެސް ބޭނުން،" އެމީހާ ބުންޏެވެ.

އެވަގުތު އެތަނަށް ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އައެވެ. ޓިކެޓް ހިލޭދޭނެ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އެކަން ގޮތަކަށް ނުގޮސްފާނެ ކަމަށް އޭނާ އެމީހުންނަށް ވިސްނައިދޭން ފެށުމުން އެގްރޫޕް އަލިފާންވި އެވެ.

ޓިކެޓް ހިލޭ ދީފިނަމަ ޑަބްލިޔު އެސްޖީ އަށް ގެއްލުން

އެކަމަކު ހަގީގަތަކީ މިއެވެ. އެފްއޭއެމުން ރާއްޖޭގެ ޓީމަށް ލިބޭ ޓިކެޓް ހިލޭ ބަހާނެ ކަމަށް ބުންޏެވެ. ނަމަވެސް މިއަދު މުބާރާތް ފެށިއިރު ވެސް ކޮންމެ ޓީމަކަށް މެޗަކުން ހިލޭދޭނީ ކިހާ ޓިކެޓެއް ކަމެއް ވޯލްޑް ސްޕޯޓްސް ގްރޫޕުން ނުނިިންމަ އެވެ. ނަމަވެސް ލަންކާ މެޗަށް ފަހު އެ ގްރޫޕުގެ އިސްއޮފިޝަލަކާ ސުވާލުކުރުމުން އޭނާ ވާހަކައިން އެނގުނީ ކޮންމެ ޓީމަކަށް ވެސް ހިލޭދޭނީ 100 ޓިކެޓް ކަމެވެ.

އަޅުގަނޑާ ޓިކެޓްގެ މައްސަލާގައި ސުވާލުކުރާ ހުރިހާ ދިވެހިންނަށް ވިސްނައިދެވޭތޯ ބެލީ ޓިކެޓް ގަތުމަށެވެ. ނަމަވެސް ގިނަ މީހުން ޓިކެޓް ގަތުމަށްވުރެ ބޮޑަށް އިސްކަންދެނީ ހިލޭ ޓިކެޓް ހޯދުމަށެވެ.

"ހިލޭ ލިބެން އޮތް އެއްޗެއް ދޫކޮށްލަންވީ ކީއްވެ. މިހެންވެ މިހާވަރަކުން މިއުޅެނީ. ގަނެވިދާނެ. އެކަމަކު ވެސް ގަނެފަ އޮއްވާ ބަހަން ނިންމައިފިއްޔާ ގޯސްވީނު،" މަގުމަތުން ދިމާވި ދ. މީދޫ މީހަކު ބުންޏެވެ.

ނަމަވެސް ދިވެހިން ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. ޓިކެޓް ލިބިއްޖެނަމަ ބަހަން ނިންމި ނަމަވެސް އެއީ ވުމަށްވުރެ ދުރު ކަމެކެވެ. ސަބަބަކީ ވޯލްޑް ސްޕޯޓްސް ގްރޫޕުން ޓިކެޓް ވިއްކައިގެން ފައިދާ ހޯދަން ބޭނުންވާނެތީ އެވެ. އަނެއްކޮޅުން ދިވެހި ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކުން 10000 ޓިކެޓް ރާއްޖެ ޓީމަށް ދިނުމަށް އެފްއޭއެމުން އެދިފައިވީ ނަމަވެސް އެއިންތިޒާމް ވޯލްޑް ސްޕޯޓްސް ގްރޫޕުން ހަމަޖައްސައިދޭނެ ކަމަށް ނުބެެލެވެ އެވެ. އެއީ ޓިކެޓް ހިލޭދީފިނަމަ އެމީހުންނަށް ލިބޭ ފައިދާ މަދުވާނެތީ އެވެ. ކޮންމެ އަގެއްދީފައި ވެސް ދިވެހިން ދަނޑަށް ވަންނާނެކަން 2008ގެ ސާފް ޗެމްޕިއަންޝިޕުން އެމީހުންނަށް ކަށަވަރުވެފައިވާތީ އެވެ.

ޓިކެޓް ގަތުމަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ

ދެން އޮތީ އެފްއޭއެމުން ނުވަތަ ސަރުކާރުން ޓިކެޓް ގަނެފައި ސަޕޯޓަރުންނަށް ބެހުމެވެ. މިއީ ވެސް ވުން ދުރު ކަމެކެވެ. ޓްރިވެންޑްރަމުގައި މިވަގުތު 10000 މީހުން ތިބޭނެ ކަމަށް ކޮންސޫލްއިން އަންދާޒާ ކުރާއިރު އެއަދަދަށް ޓިކެޓް ގަތުމަށް ކޮންމެ މެޗަކަށް ރާއްޖޭގެ ދެލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭނެ އެވެ. މިއީ އެއްވެސް ބަޔަަކަށް ފަސޭހަ ކަމަކަށްނުވާނެ އެވެ. މިހެންވެ އެންމެ މޮޅު ގޮތަކީ ކޮންމެ މީހަކު އަމިއްލަ އަށް ރާއްޖޭގެ 23 ރުފިޔާ ދީފައި ޓިކެޓެއް ގަތުމެވެ. ފައިނަލަށް ދިޔަ ނަމަވެސް މުބާރާތުގައި ރާއްޖެ ކުޅޭނީ ފަސް މެޗު ކަމަށްވާތީވެ ގިނަވެގެން މީހަކު ހަރަދު ކުރަންޖެހޭނީ 117 ރުފިޔާ އެވެ.
މިހެން ހަދަންޖެހޭ އަނެއް ސަބަބަކީ ޓިކެޓް ހިލޭދިން ނަަމަވެސް ދަނޑަށް ނުދާނެ މީހުން ވެސް ތިބުމެވެ.

"އަޅުގަނޑުމެން އައީ މަޖާކުރާކަށްނޫން. ބޭސް ފަރުވާއަށް. އަދި މިއުޅެނީ ޑޮކްޓަރަށް ނުދެއްކިގެން. ދެން ކިހިނެތް ޓިކެޓް ހޯދަން އުޅޭނީ. ކުޅިމަޖަލަށް އުޅޭމީހުން ތިތަނަށްދާނީ. އަހަރުމެން އުޅޭނީ އަހަރުމެން މިތަނަށް އައި ކަންތައް ކުރެވޭތޯ،" ޓިކެޓް ގަނެފިންތޯ އެހުމުން ކުޑަކޮށް ހިތްހަމަނުޖެހިފައިހުރި މެދުއުމުރުގެ ފިރިހެނަކު ބުނެލި އެވެ.

މިހެންވެ ދުރު ދަތުރުކޮށްފައި އޮޓޯގައި ޓިކެޓްގަތުމަށް ސްޓޭޑިއަމަށް އައި މަންމަ ފަދައިން މިއަދު 2:30 އަށް ސްޓޭޑިއަމަށް އައިސް ޓިކެޓް ގަނަގެން ދަނޑަށް ވަނުމަށް މިސްރާބު ބަދަލުކޮށްލުން މާބުއްދިވެރި އެވެ. އެއިރުން އެއްކަލަ ފެހި ރަތް ހެދުމާއި ގަނެފަައިވާ ރަތްގަމީހާއި ބޫޓަކާހެދި ކެކިއުތުރިއަރާކަށް ނުޖެހޭނެ އެވެ.