"އެންމެ ހޯދަން ދަތީ ސަންފްލާވާ ތެޔޮ ޝިޕްމަންޓު ގަނެފަ ހުންނަތާ އެތަށް ދުވަހެއް ވެއްޖެ. އެކަމަކު އެ އަށް ފައިސާ ނުދެއްކިގެން ރާއްޖެ ނުގެނެވެނީ،" ޔޫކްރޭން- ރަޝިޔާ ހަނގުރާމައިގެ ސަބަބުން، ބާޒާރަށް މިހާރު ކުރަމުންދާ އަސަރުތަކާ ބެހޭ ގޮތުން ރާއްޖޭގެ ވިޔަފާރިވެރިއަކު ބުންޏެވެ.
ރަޝިއާ އިން ޔޫކްރޭން ހިފަން ފެބްރުއަރީ 24 ގައި ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ ބާޒާރަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިން މިވަނީ ގުޑުވާލާފަ އެވެ. އެހެންވެ ބެލެވެނީ މިކަމުގެ އަސަރު މާދުރު ނޫން މުސަތަގުބަލެއްގައި ރާއްޖޭގެ ގޮނޑުދޮށަށް ވެސް ބީއްސާލާނެ ކަމަށެވެ.
މިކަމުގެ އަސަރުތައް މިހާރު ވެސް ވަނީ ބާޒާރުން ފެންނަން ފަށާފަ އެވެ. މީގެ ފުރަތަމަ އަސަރަކީ ހަނގުރާމަ ހިނގާ ދެ ގައުމު ކަމަށްވާ ރަޝިއާ އާއި ޔޫކްރޭނުގެ އުފެއްދުންތެރިކަމަށް ކުރާ އަސަރު ރާއްޖެއަށް ފޯރުމެވެ. ޔޫކްރޭން އާއި ރަޝިއާ އަށް ބަލާއިރު ބާޒާރަށް އަސަރު ކުރާނެ މުހިންމު ގިނަ ބާވަތް ތަކެއް މި ދެ ގައުމުގައި އުފައްދަ އެވެ.
މީގެތެރެއިން ވަކި އެއްޗެއް ނަގާނަމަ ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ސަންފްލާވާ ތެލާއި ގޮދަން އަޅައިގެން އުފައްދާފައި ހުންނަ ބާވަތްތައް ހިމެނެ އެވެ. މި ތަކެތި ދުނިޔޭގައި ދަނީ ތާށިވަމުންނެވެ.
ސަން ފްލާވާ ތެލުގެ އަގު މައްޗަށް
ދުނިޔޭގައި އުފައްދާ ސަން ފްލާވާ ތެލުގެ މައި ހަބަކީ ޔޫކްރޭން އެވެ. ހާއްސަކޮށް ޔޫކްރޭންގެ ކަރްކޭވް އާއި ނިކޮލީވް އަދި އޮޑިއްސާ ފަދަ ސަހަރުތަކަކިީ ސަން ފްލާވާ ތެލުގައި ދުނިޔޭގެ ބޮޑެތި ފެކްޓްރީތައް ހުންނަ ތަންތަނެވެ. އެހެންވެ މިހާރު ޔަގީންވާ ހަގީގަތަކީ މި ސަރަހުތަކުގެ ދަނޑު ތަކުން ސެޕްޓެމްބަރު މަހަށް ނެރެން ތައްޔާރުކޮށްފައިވާ ސަން ފްލާވާގެ ބޮޑު ޝިޕްމަންޓް ހަނގުރާމައިގެ ސަބަބުން ވީރާނާ ވެގެންދާނެ ކަމެވެ. އެހެންވެ މިކަމަށް އަންދާޒާކޮށް ކައްކާ ތެލުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި މިހާރު ވެސް ވަނީ އުފުލިފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރު (ޔޫއެސްޑީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރު ޔޫކްރޭންގައި 23 މިލިއަން ޓަނުގެ ސަން ފްލާވާ ތެޔޮ އުފައްދާ ބޭރުކުރިއިރު، މީގެތެރެއިން 19 މިލިއަން ޓަނުގެ ސަން ފްލާވާ އޮއް ވަނީ އެހެން ގައުމުތަކަށް ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓްކޮށްފަ އެވެ.
ސަން ފްލާވާ އޮއްތަށް ގެންދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ސަން ފްލާވާ ތެޔޮ އުފެއްދުމަށެވެ. މި ތަކެތި ގެންދަނީ އިންޑިއާ އާއި ތުރުކީ އަދި ޗައިނާ ފަދަ ގައުމުތަކުގެ ކައްކާ ތެޔޮ އުފައްދާ ކާރުހާނާ ތަކަށެވެ. އަދި މި ތަކެތި ރާއްޖޭގެ ގޭގެ ބަދިގެ ތަކަކާ ހަމައަށް އަންނަނީ ތުރުކީ އާއި މެލޭޝިއާ ފަދަ ގައުމުތަކުންނެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރަށް އައިސްފައިވާ ތޮޅުމާއެކު އެކަމަށް ވަނީ ހުރަސް އެޅިފަ އެވެ. މި ތަކެތި ލިބުން ތާށިވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކަމަށްވާ ރެޑްވޭވް ގްރޫޕުގެ މެނޭޖަރު އަލީ ޝަހީމް (އައްޔު) ވިދާޅުވި ގޮތުގައި ސަން ފްލާވާ ތެޔޮ ލިބުމުގައި ތާށިވަމުންދާކަން ފާހަގަވެ އެވެ.
"ސަން ފްލާވާ މި އުފައްދަނީ ޔޫކްރޭނުން. ތެޔޮ ހޯދަން ތާށި ތަކެއް އުޅޭ. އެހެންވެ މެލޭޝިއާ އިން މި ގެންނަނީ. އެކަމަށް ވެސް އެބަ މިހާރު ދަތިވޭ،" އަލީ ވިދާޅުވި އެވެ.
ރާއްޖޭގެ ބާޒާރުން މިކަން ފެންނާނެ
ސަން ތެލުގެ އިތުރުން ދުނިޔޭގެ ސަޕްލައި ޗެއިންގައި މިހާރު އެންމެ ތާށިވެފައިވާ އެއް ބާވަތަކީ "ވީޓް" ނުވަތަ ގޮދަނެވެ. ގޮދަނަށް ތާށިކަން އައިސްފައިވަނީ މި އުފެއްދުމުގެ މައި ދެ ހަބު ކަމަށްވާ ޔޫކްރޭން އާއި ރަޝިއާގެ ސަބަބުންނެވެ.
ރަޝިއާގެ އިގްތިސޯދު ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅުގެ ތެރޭގައި ފިތެމުންދާއިރު ޔޫކްރޭން އޮތީ އެއްކޮށް ހުއްޓިފަ އެވެ. މިކަމުގެ ސަބަބުން ގޮދަން ބޭނުންކޮށްގެން އުފައްދާ ގިނަ ބާވަތްތައް ނުލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އދ. ގެ ކާނާއާ ބެހޭ ޕްރޮގްރާމުން ވަނީ ލަފާކޮށްފަ އެވެ. މިއީ ރާއްޖެ ފަދަ ގައުމުތަކުގެ ސަޕްލައި ޗެއިން އަށް ވެސް އަސަރު ކުރާނެ ކަމެކެވެ.
ދިވެހިންނަކީ ވެސް ގޮދަށް ފުށުމުގެ ބޭނުން ގިނައިން ކުރާ ބައެކެވެ. ސީދާ ފުށުގެ އިތުރުން ގޮދަން ބޭނުން ކޮށްގެން އުފައްދާ ބާވަތްތަކީ ވެސް ދިވެހިންހެ އާއްމު ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް މިހާރު އައިސްފައިވާ މި ދަތިކަން ރާއްޖެއަށް ބޮޑު ކުރިމަތިވުން އޮތީ މި ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ އެވެ. އަދި މިކަމަކީ ދުނިޔޭގެ ބާޒާރުގައި ގޮދަށް ފުށުގެ ޑިމާންޑު މަތިވެ އަގުތައް އެތަށް ގުނައެއް ބޮޑު ވެގެން ދާނެ ކަމެކެވެ.
މިހާރު ގޮދަނުގެ ބާޒާރަށް އައިސްފައިވާ ލޮޅުންތަކާއެކު އިންޑިއާއިން މި ވިޔަފާރީގެ ތެެރެއަށް ކިތަންމެ ފުނަށް ވަތް ނަމަވެސް ދުނިޔެއަށް ސަޕްލައި ކުރެވޭނެ ކެޕޭސިޓީއެއް އެ ގައުމުގެ ދަނޑުވެރިންގެ ކިބައިގައެއް ނެތެވެ. ދެން އޮތީ ވީޓްގެ ބާޒާރުގައި ޗައިނާ އެވެ. އެ ގައުމުގެ "ޒީރޯ ކޮވިޑް" ޕޮލިސީއާއެކު އުފެއްދުންތެރިކަމުގެ ފޯކަސް ބޮޑަށް އޮތީ އެތެރޭގަ އެވެ. މިއީ ގޮދަން ފުށުމުގެ ބާޒާރަށް ބަދަލެއް އައުމުގައި މުހިންމު ދައުރެއް އަދާކުރާނެ ގައުމުތަކެވެ.
ގޮދަންގެ އިތުރުން ފިނި ކުރި އެއްގަމު މަހުގެ ބާވަތްތަކަކީ ވެސް ރަޝިއާ އާއި ޔޫކްރޭން ބާޒާރާ ސީދާ ގުޅުންހުރި އުފެއްދުން ތަނެކެވެ. މި ތަކެތީގެ އަގުތަކަށްވެސް މި ހަނގުރާމައިގެ ސަބަބުން ދަނީ އަސަރު ކުރަމުންނެވެ.
ޔޫރަޕުން ގިނަ ބާވަތް ތަކެއް ގެންނަ ހެޕީ މާކެޓުގެ ސީއީއޯ، ކެޕްޓަން އަލީ އިހުސާން ވިދާޅުވި ގޮތުގައި މީޓް ފަދަ ތަކެތީގެ އަގުތައް ދުނިޔޭގައި މަތިވެފައިވާ ކަމަށާ، މި ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިން އަށް އަސަރު ތަކެއް ކުރާނެ އެވެ.
މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ދުނިޔޭގެ އިގްތިސޯދަށް އައިސްފައިވާއިރު، މީގެ ބަދަލު ގިނަ އުފެއްދުން ތަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ.
ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވި ގޮތުގައި ތެލުގެ އަގު މަތިވުމާއި މި ހަނގުރާމައިގެ ސަބަބުން ގިނަ ބާވަތްތަކުގެ މުދަލުގެ ސަޕްލައި އަށް އަސަރު ކުރާނެ އެވެ.
"މި ދެ ގައުމު [ރަޝިއާ/ ޔޫކްރެއިން] އަކީ ގިނަ ތަކެތި އުފައްދާ ދެ ގައުމު. މިހާ ތެލުގެ އަގު މަތިވެފައިވާ ވަގުތެއްގައި މިކަން ހިނގުމަކީ ދަތިތަކެއް ސަޕްލައި ޗެއިން އަށް ކުރިމަތިވާނެ ކަމެއް. ކޮންމެ ގޮތެއްގައި ނަމަވެސް މީގެ އަސަރު އެންޑް ޕްރޮޑަކްޓަށް ކުރާނެ،" އާމިރު ވިދާޅުވި އެވެ.
ދުނިޔޭގައި މިހާ ބޮޑު ހަނގުރާމައެއް މިހާ ފުޅާކޮށް ކުރާނަމަ މުޅި ވިޔަފާރިއަށް އަސަރު ކުރާނެ އެވެ. ހާއްސަކޮށް ރަޝިއާ ފަދަ ގައުމުތަކުގެ އިގްތިސޯދަށް އަންނަ ކޮންމެ ލޮޅުމަކީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ހަފޮޅުން އެކަން އެތެރެވާނެ ކަމެކެވެ. ނަމަވެސް މިހާރު މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ރާއްޖޭގައި ވިއްކާ ސަން ފްލާވާ އޮއިލް އަށެވެ.