މޯލްޑިވްސް ޕޮލިސް ސާވިސް

އެމްއައިބީގެ ފޭކް ސްލިޕް ހަދައިގެން މުދާ ހޯދަނީ

އޮންލައިންކޮށް ވިޔަފާރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާ ކަމަށް ބުނެ ފޭކް ސްލިފް ފޮނުވާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ އައިބޭ އަދި އެހެނިހެން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ނުވަތަ މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ ގިނަ މައްސަލަތަކެއް ރިޕޯޓްކުރަމުންދާ ކަމަށެވެ.

"ގުޅާ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާ ކަމަށް ބުނެ ސައްހަ ނޫން ސްލިޕެއް ފޮނުވާ. އެ ފައިސާ، ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މުދާ ޑެލިވަރީކުރާތާ 24 ގަޑިއިރު ފަހުން." ފުލުހުން ބުނެ އެވެ.

އެހެންކަމުން، އޮންލައިން ވިޔަފާރިކޮށް ފައިސާ ދެއްކިކަމުގެ ބޭންކް ސްލިޕް މުދާ ގަންނަ ފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާ ލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދާ މައްސަލަތައް ވަރަށް ބޮޑަށް ދަނީ އާންމުވަމުންނެވެ. އެފަދަ މައްސަލަތަކުގައި ބައެއް ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ބައެއް އާންމުންނަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.