ކާނިވާ ސަރަޙައްދުގައި ޕާކްކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިހުރި އުޅަނދު ތަކާއި ގަވައިދާހިލާފަށް ހުރި އުޅަނދުތައް އެސަރަޙައްދުން ނަގައި ސަރަޙައްދު ސާފުކުރަން ފަށައިފިއެވެ.
ފުުލުހުން ބުނީ އެ މަސައްކަތުގައި ގިނަ އުޅަނދުތަކެއް މިހާރުވެސް ނަގާފައިވާ ކަމަށާއި މިއީ ފުލުހުންނާއި ހައުސިން އާއި އެމްއާރްޑީސީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ.
މިއަދު ހެނދުނު އެ ސަރަޙައްދުގައި ހުރި އަމިއްލަ މީސްމީހުންގެ އުޅަނދު އެސަރަޙައްދުން ނެގުމުގެ ކުރިން އުޅަނދުގެ ވެރިފަރާތާ އުޅަނދު ހަވާލު ކުރުމުގެ މަސައްކަތް އެސަރަޙައްދުގައި ތިބޭ ފުލުހުން ދަނީ ކުރަމުންނެވެ. ކާނިވާ ސަރަޙައްދުގައި ހުރި ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ގަވައިދާހިލާފަށް އެސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަޙައްދުން ނެގުމަށްފަހު ތިލަފުށްޓަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް މިއަދާ ފަށާނެ އެވެ.
މީގެ އިތުރުން އެއްވެސް މީހެއްގެ ނަމުގައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައިވެސް ރަޖިސްޓްރީ ކުރުމެއް ނެތި ކާނިވާ ސަރަޙައްދުގައި ބަހައްޓާފައިހުރި އުޅަނދުތައްވެސް އެސަރަޙައްދުން ނައި ތިލަފުއްޓަށް ބަދަލު ކުރާނެ އެވެ. ކާނިވާ ސަރަޙައްދުން ނަގާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެ ބާވެފައިވާ ތަކެތި ނައްތާލަން ވަނީ ނިންމާފަ އެވެ.