މޯލްޑިވްސް ޕޮލިސް ސާވިސް

ގެނބިގެން ދިވެހި ޒުވާނަކު މަރުވެއްޖެ

ގެނބިގެން ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކ. މާފުށި ޖަލާ ދިމާލުން މޫދުގައި މީހަކު ގެނބިފައިވާ ކަމަށް ރޭ މެންދަމު 2:22 ގައި އެ ހިދުމަތަށް މައުލޫމާތު ލިބުނު ކަމަށެވެ.

އެ މީހާ ނަގައިގެން މާފުށި ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ 33 އަހަރުގެ ދިވެއްސެކެވެ.

ހާދިސާގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

ގެނބިގެން މަރުވެފައިވަނީ މާފުށީ ޖަލަށް ވަގަށް ތަކެތި އެތެރެ ކުރަން އުޅުނު މީހެއް ކަމަށް ވެއެވެ. އެ މީހާ ފަތާފައި މާފުއްޓަށް އެރި ފަހުން ކަރެކްޝަންގެ އޮފިސަރުންނަށް ފެނުމުން ފިލަން ވެގެން އަލުން މޫދަށް ފުއްމާލީ ކަމަށް ބައެއް މީހުން ބުނެއެވެ. އެކަމާ ގުޅޭގޮތުން ފުލުހުންނާއި ކަރެކްޝަނުން ވާހަކައެއް ނުދެއްކިއެވެ.