މޯލްޑިވްސް ޕޮލިސް ސާވިސް

ބޭރުގައި އުފަންވި ދެ ކުދީންގެ ޑީއެންއޭ ކަށަވަރުކޮށް ރަޖިސްޓްރީ ކޮށްފި

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު އާއިލާއެއް ރާއްޖެ ގެނެސްފައިވާއިރު އޭގެ ތެރޭގައި ހިމެނޭ ރާއްޖެއިން ބޭރުގައި އުފަންވި ދެ ކުއްޖެއްގެ ޑީއެންއޭ ކަށަވަރުކޮށް ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަން ފުރިހަަމަ ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

މި އާއިލާއަކީ ހިނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަަމަށެވެ.

އެ އާއިލާގައި ހިމެނެނީ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން ނެވެ. ނަމަވެސް އެ އާއިލާ ގެނައީ ކޮން ގައުމަކުން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީހުން މިހާރު ތިބީ ނެޝަނަލް ރީ-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ކަމަށެވެ. ހަތަރު ކުދީންގެ ތެރެއިން ދެ ކުދީން އުފަންވީ ރާއްޖެއިން ބޭރުގައި ކަމުން އެ ކުދީންގެ ޑީއެންއޭ ކަށަވަރުކޮށް ރަޖިސްޓްރޭޝަނާ ގުޅޭ ކަންކަން ފުރިހަަމަ ކޮށްފައިވާ ކަމަށެވެ. އަދި ރިސްކު އެސެސްމަންޓް ހަދާ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޖިނާއީ ތަހުގީގެެއް ހިންގަން ޖެހޭ މީހަކާ ދެކޮޅަށް އެކަން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.