އެމްޓީސީސީ

ޑްރެޑްޖަރު ލިބުމުން ދެ ދުވަހުން ހެކްޓަރެއްގެ ބިން ހިއްކޭނެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ޑްރެޖަރު ގެނައުމުން ދެ ދުވަހުގެ ތެރޭގައި އެއް ހެއްޓަރުގެ ބިން ހިއްކާލެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި މިއުޒިއަމް ޕާކަކާއި ސްޕޯޓްސް އެރީނާއެއް ގާއިމުކުރުމަށް އެމްޓީސީސީއިން ހަވާލުކުރުމަށް މިއަދު ދަރުބާރޫގޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ، އަންނަ އަހަރު އެމްޓީސީސީއިން ބިންހިއްކުމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. ބިންހިއްކާ ޑްރެޖަރަކީ އެކަމަށް ގެނެވޭ އެއްޗެކެވެ.

އަންނަ އަހަރު ނިމުމުގެ ޑްރެޖަރު ގެނެވޭނެ ކަމަށާއި ރާއްޖޭގެ ބިންހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރު ބޭނުންކުރެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. "އެންމެ ބޮޑު އަމާޒަކީ ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާކުރުން،"

"ގާތްގަނޑަކަށް ދެ ދުވަހުގެ ތެރޭގައި ހެކްޓަރެއްގެ ބިން ހިއްކޭނެ ކެޕޭސިޓީ ހުރި ޑްރެޖަރެއް އަންނަ އަހަރު ގެނެސް މަސައްކަތް ފަށާނަން،" ހަލީމް ވިދާޅުވި އެވެ. ނެދަލޭންޑްސްގެ އައިއެޗްސީ ކުންފުނިން އެކަމުގެ ޔަގީންކަން އެމްޓީސީސީއަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ. ޑްރެޖަރު ލިބުމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް އެ ކުންފުނިން ފުރިހަމަކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިން ހިއްކުމުގެ ދާއިރާގެ އިތުރުން އެ ކުންފުނިން ހިންގާ، ދަތުރުފަތުރުކުރުމުގެ ދާއިރާ ވެސް ފުޅާކުރުމަށް ބޭނުންވާ ކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއަށް ބަހާއި ފެރީގެ ހިދުމަތްދީ އެ ހިދުމަތް ފުޅާކުރާ ފަދައިން އަތޮޅުތެރެއަށް ވެސް އެ ބަހާއި ފެރީގެ ހިދުމަތް ދޭން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.