ރާއްޖެ ކުޅިވަރު

އަފްގާނިސްތާނުގެ ތަފާތަކީ ފިޒިކަލް: ބަންގާޅު ކޯޗު

އަފްގާނިސްތާން އަތުން މިރޭ 4-0އިން ބަލިވި މައިގަނޑު ސަބަބަކީ އެ ޓީމު ފިޒިކަލީގޮތުން މާ ވަރުގަދަވުން ކަމަށް ބަނގްލަދޭޝްގެ ކޯޗު މައުރޫފުް ހައްގު ބުނެފި އެވެ.

"ހުރިހާ ވެސް މައްސަަލައަކީ ފިޒިކަލް. އެމީހުން މާ ވަރުގަދަ. އެއީ ބަލިވި މައިގަނޑު ސަބަބަކީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް މުބާރާތުގައި ބާކީ ބޫޓާނާއި ދިވެހިރާއްޖެ މެޗު އޮތުމުން ސެމީ ފައިނަލަށް ދެވިދާނެ ކަމަށެވެ.

"ކުޅުންތެރިން ވެސް ދެކެނީ އެގޮތަށް. އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކުޅުންތެރިން އެކަން ގަބޫލުކުރާތީވެ،" މައުރޫފް ބުންޏެވެ.
އޭނާ އަދި ބުނީ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނީ މެޗު ކާމިޔާބު ކުރަން ކަމަށާއި އެކަމަކު ޑްރޯކުރަން ކުޅުނުނަމަ އެކަން ކުރެވުނީސް ކަމަށެވެ.

"އަހަރުމެން ކުޅުނީ މޮޅުވާން. ޑްރޯކުރަން ކުޅުނުނަމަ އެކަން ކުރެވުނީސް. އެކަމަކު މޮޅުވާން ކުޅުނީމަ މެޗު ވަރަށް ބޮޑަށް އޯޕަންކޮށް ދިޔައީ،" ކޯޗު ބުންޏެވެ.

އަފްގާނިސްތާން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 30 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު 32 ވަނަ މިނިޓްގައި އަދި ތިން ވަނަ ލަނޑު ޖެހީ 40 ވަނަ މިނިޓްގަ އެވެ.

މުބާރާތުގައި އަފްގާނިސްތާން ދެން ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު ބޫޓާނާއެވެ. ބަނގްލަދޭޝް ކުޅޭނީ ދިވެހިރާއްޖެއާ އެވެ. މި މެޗުން ބަލިވެއްޖެނަމަ ބަނގްލަދޭޝް މުބާރާތުން ކަޓާނެ އެވެ.