އިންޑިޔާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް ސަޕޯޓަރުންނަށް ހިލޭ ދޭނެ ވާހަކަ އަކީ އެފްއޭއެމުން ދެއްކި ވާހަކަ އެކެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެކަން އޮތީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގަ އެވެ. ނުވަތަ ގަސްތުގައި އޮޅުވާލައިފަ އެވެ. އެފްއޭއެމުގެ ބަސްމަގު ހުރިގޮތުން ސަޕޯޓަރުން ހީކުރީ މެޗަށް ވަންނަން ބޭނުންވާ އެންމެނަށް ޓިކެޓް ހިލޭލިބޭނެ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެފްއޭއެމުން ބުނަން އުޅުނީ ގައުމީ ޓީމަށް މުބާރާތް އޮގަނައިޒް ކުރާ ފަރާތުން ދޭ ޓިކެޓް ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސޫލް މެދުވެރިކޮށް ހިލޭދޭނެ ވާހަކަ އެވެ.
ކޮންމެ އިބާރާތަކުން އެފްއޭއެމަށް މިވާހަކަ ބުނެވުނު ނަމަވެސް މިހާރު ޓިކެޓްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ވިހަވެފަ އެވެ. މުބާރާތުގެ ފުރަަތަމަ މެޗުގައި އިއްޔެ ބޫޓާން އަތުން ރާއްޖެ މޮޅުވި މެޗަށް މާގިނަ ބަޔަކު ސްޓޭޑިއަމަށް ނުދިޔައީ ހިލޭދޭން ބުނި ޓިކެޓް ނުލިބުމުންނެވެ. މިހާރު މިކަމުގެ ޒިންމާ ނަގާނެ މީހަކު ވެސް ނެތެވެ. މިހެން ބުނަން ޖެހެނީ "ރަތް ހެދުމުގައި ދިވެހިން މިއަދަށް ތައްޔާރު" ނަމުގައި އިއްޔެ ޖެހި ރިޕޯޓާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ޒިންމާއިން ރެކިގަންނަން މަސައްކަތް ކުރުމުންނެވެ.
އެފްއޭއެމް ރުޅިގަދަވުން
ބޫޓާން މެޗު ނުނިމެނީސް އަވަސްގެ ނޫސްވެރިޔާއަށް އެފްއޭއެމުގެ އިސްވެރިއަކު ފޯނުކުރި އެވެ. އެބޭފުޅާ ފުރަތަމަ ވެސް ބުނީ ނޫހުގައި ލިޔެގެން އުޅެނީ ކީކޭތޯ އެވެ؟ އައިސްފައި ހުރި ރުޅި ބޭލީ އޭގެ ފަހުންނެވެ.
"ތަންދޮރު ބަލާނުލާ މިކަހަލަ ވާހަކަ ލިޔުނީމަ މައްސަލަ ގޯސްވާނެ. އަހަރުމެންނާ (އެފްއޭއެމް) އާއި އެމީހުންނާ (ޓްރިވެންޑަރްމުގައި ހުންނަ ދިވެހި ކޮންސޫލް) މައްސަލަ ޖެހޭނެ. އެމީހުން (ކޮންސޫލް) ފޯނު ނުނަގައޭ ކިޔާފަ ނޫހުގައި ލިޔެގެން ނުވާނެ އެއްނު. ވާނުވާ ބަލާފަ ލިޔެބަލަ. އެފްއޭއެމުން ބުނީ ޓީމަށް ލިބޭ ޓިކެޓް ހިލޭ ބަހާނެ ވާހަކަ. އެހެން ބުނީމަ މީހުން ބުންޏޭ އެތަނަށް ގުޅީމަ ޓިކެޓެއް ނުލިބުނޭ ފޯނު ނުނަގައޭ ލިޔުނީމަ ކަމަކު ނުދާނެެެއެއްނު. ދެން ބަޔަކު ދައްކާހާ ވާހަކައެއް ލިޔެގެން ވެސް ނުވާނެއެއްނު،" ވަރަށް ރުޅިއައިސްފައި އޮފިޝަލް ބުންޏެވެ.
އޭގެ އިތުރުން އޭނާގެ ހިތުގެ ހުރިހާ އުދާހެއް ލުއިބަރުކޮށް ބަންޑުންކޮށްލާފައި ފޯނު ބޭއްވި އެވެ. ފަހުން އަވަސްގެ އާޓިކަލްގައި އާއްމުންގެ މީހުން ޓިކެޓް ނުލިބިގެން ދައްކާފައިހުރި ވާހަކަތަކުގެ ކޯޓޭޝަންތަކުގެ ސްކްރީން ޝޮޓްނަގައި ވައިބާކޮށްފައި ބުނީ "މީގެން
ކްރިއޭޓްވާނީ މައްސަލަ،" ކަމަށެވެ.
މިސްކްރީން ޝޮޓްގައިވަނީ ޓިކެޓް ހޯދަން ކޮންސޫލް އަށް ދިޔަ ދިވެހި ބަޔަކު ދީފައިވާ އިންޓަވިއުގެ ބައެކެވެ. އެއީ ޓިކެޓް ހޯދަން ދިއުމުން ޓިކެޓް ނުލިބުނު ވާހަކަ އެވެ. އަދި ފަހުން އެތަނަށް ގުޅުމުން ފޯނު ނުނަގާ ވާހަކަ އެވެ.
ނަމަވެސް މުޅި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ހިލޭ ބަހަން ބުނާ ޓިކެޓަށް ބަރޯސާނުވުމަށެވެ. އަދި ޓިކެޓަކީ އަގުބޮޑު އެއްޗެއްނޫން ކަމަށާއި ރާއްޖެ ފައިނަލަށް ގޮސްފިނަމަ ކުޅެންޖެހޭނީ ފަސް މެޗު ކަމަށާއި ފަސް މެޗުގެ ޓިކެޓަށް ޖުމުލަ ހަރަދު ކުރަންޖެހޭނީ 117 ރުފިޔާ ކަމަށެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ޓިކެޓް ގަތުން ކަމަށެވެ. އަދި ޓްރިވެންޑްރަމުގައި ތިބޭނެ ކަމަށް ލަފާކުރެވޭ 10000 މީހުންނަށް ޓިކެޓް ގަނެފައި ބަހާނަމަ މެޗަކަށް ދޮޅުލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވާނެ ކަމަށާއި މިއީ އެފްއޭއެމަށް ވެސް އަދި ސަރުކާރަށް ވެސް ފަސޭހަ ކަމަކަށްނުވާނެ ވާހަކަ އެވެ.
އެކަމަކު ގޯސްވެގެން އުޅެނީ ނޫސްވެރިންނެވެ. އިއްޔެގެ މެޗު ނިންމާފައި ޕްރެސް ކޮންފަރެންސަށް ދިޔަ މަގުމަތީގައި އެފްއޭއެމުން ޓިކެޓް ހިލޭ ދޭނެ ވާހަކަ ނޫހުގައި އެންމެ ފުރަތަމަ ލިޔުނު ދިވެހި ނޫސްވެރިޔާއާ އަޅުގަނޑާ ބައްދަލުވި އެވެ. ވެގެން އުޅެނީ ކީއްތޯ އޭނާ ވެސް އެހި އެވެ. އަދި ޓިކެޓް ހިލޭބަހާނެ ކަމަށް އެފްއޭއެމުން އެންމެ ފުރަތަމަ ވެސް ބުނުމުން އެއީ ކަށަވަރުވެފައިވާ ކަމެއްކަމާމެދު އޭނާ ސުވާލު އުފެއްދި ކަމަށް ވެސް އެ ނޫސްވެރިޔާ ބުންޏެވެ.
ދަނޑުން ނިމިގެން ހޮޓަލަށް ދާން އުޅެނިކޮށް އަޅުގަނޑާއެކުގައި އުޅޭ ނޫސްވެރިންގެ ގްރޫޕުން ޓިކެޓް މައްސަލާގައި އަޅުގަނޑު ހޯދަން ކޮންސޫލްގެ އެންމެ އިސްވެރިޔާ ވަޑައިގެންނެވި ވާހަކަ ބުންޏެވެ.
"އަހަރެން ފެނިގެން އެހީ ކަލޭތީ ކޮން ނޫހެއްހޭ. ކަލޭ ހޯދި ވަރަށް. ބުނީ އެތަނާ ބެހޭ ގޮތުން ފޯނު ނުނަގައޭ ކިޔާފަ ލިޔަނީއޯ،" ޒުވާން ނޫސްވެރިޔާ ބުންޏެވެ.
ކޮންސޫލްގައި ޓިކެޓް ކަންތައްތަކުގައި އިސްވެ އުޅުއްވާ ބޭފުޅަކު ރޭ އަޅުގަނޑާ ވައިބާ މެދުވެރިކޮށް ވާހަކަ ދެއްކި އެވެ. އެބޭފުޅާގެ މައިގަނޑު ޝަކުވާ އަކީ އާއްމުން އިންޓަވިއުދިން ނަމަވެސް ކޮންސޫލްއިން ފޯނުނުނަގާ ވާހަކަ ޖެހުމެވެ.
ނަމަވެސް އާއްމުން ޓިކެޓް ނުލިބިގެން ކޮޅުކޮޅު މައްޗަށް ދުވާއިރު އެމީހުންގެ އިހުސާސްތައް ގެނެސްދިނުމަކީ މައްސަަލައެއް ހެއްޔެވެ؟ މީހުން ގުޅާ ކޮންމެ ފަހަރަކު ފޯނު ނުނެގިދާނެ އެވެ. އެކަަމަކު އާއްމުންގެ ގިނަ ބަޔަކު އެތަނުން ފޯނު ނުނަގާ ކަމަށް ބުނުމުން އެވާހަކަނުލިޔެ ދޫކޮށްލުމުގެ ބަދަލުގައި ލިޔުނިއްޔާ މާރަނގަޅު ނޫން ހެއްޔެވެ؟
ދެން އޮތް ކަމަކީ އެފްއޭއެމުގެ މައްސަލަ އެވެ. މުބާރާތް އިންތިޒާމް ކުރާ ވޯލްޑް ސްޕޯޓްސް ގްރޫޕުން ޓީމުތަކަށް ދޭނީ ކިހާ ޓިކެޓެއްކަން ނުނިންމާ ވާހަކަ އެފްއޭއެމުން ނުބުނެ ތިބީ ކީއްވެ ހެއްޔެވެ. ޓިކެޓް ނުލިބޭ ނަމަ އެވާހަކަ އާއި ޓިކެޓް ލިބުން ލަސްވާނަމަ އެވާހަކަ ވެސް ނުބުނީ ކީއްވެ ހެއްޔެވެ. ހަގީގަތުގައި ޓްރިވެންޑްރަމުގައި ހުންނަ ކޮންސޫލް ބަދުނާމް ކުރިނަމަ އެކަންކުރީ ނޫސްވެރިންނެއްނޫނެވެ. އެތަން މެދުވެރިކޮށް އާއްމުންނާ ގުޅުންހުރި ބޮޑު ކަމެއް ކުރާއިރު ރަނގަޅަށް މައުލޫމާތު ބަދަލުކުރަންވާނެ އެވެ. އާއްމުންނަށް ކަންކަން ރޭވިފައިވާގޮތް ބުނެދޭންވާނެ އެވެ. އެފްއޭއެމުން ޓިކެޓް ކަންކަން ކުރިއަށް ދިޔަ ގޮތް އާއްމުންނަށް ރަނގަޅަށް އޮޅުންފިލުވައި ދިންނަމަ ސަޕޯޓަރުން ޓިކެޓަށް އެހާބޮޑަށް ބަރޯސާނުކުރާނެ ޔަގީނެވެ. ހިލޭ ޓިކެޓް ނުލިބިގެން އެމީހުންގެ ޓީމަށް ސަޕޯޓްކުރަން ދަނޑަށް ނުގޮހެއް ނުތިބޭނެ އެވެ.
ދިވެހީންނަކީ ފުޓްބޯޅައަށް މޮޔަވާ ބަޔަކަށްވާއިރު ދަނޑަށް ދިއުމަށްޓަކާ އެހާބޮޑު ހަރަދުތަކެއް މީހުން ކުރާނީ ވެސް ކޮންމެވެސް އުއްމީދެއް އޮވެގެން ކަން ނޭނގެނީ ހެއްޔެވެ؟ އިންޓަނޭޝަނަލް މުބާރާތްތަކުގައި ޓީމަށް ޓިކެޓް ހިލޭދޭ އުސޫލު އެފްއޭއެމަށް އެނގޭނެ އެވެ. ނޭނގި އޮތްނަމަ އެކަން ދުރާލައި ސާފުކުރަންވާނެ އެވެ. ވާހަކަ ދައްކަން ބޭނުންވާ ކަންކަމުގައި އަމިއްލަ އަށް އިސްވެ ވާހަކަ ދައްކާގޮތަށް މި މައްސަލާގައި ވެސް ވާހަކަ ދެއްކިނަމަ ޓިކެޓް މައްސަލަ ވިހަނުވާނެ އެވެ. އަމުދުން ސަޕޯޓަރުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމެއްގައި އެފްއޭއެމުން ހިމޭނުން އޮތްއިރު ނޫސްބަޔާނެއް ނެރެގެން ނަމަވެސް އާއްމުންނަށް ކަންއޮތްގޮތް އޮޅުންފިލުވައިދިނުމަކީ ކޮންސޫލްގެ ވެސް ޒިންމާއެކެވެ. އެއިރުން "އަވަސް" ނޫހުގެ ނޫސްވެރިޔާ ކޮބާތޯ ބަލައި އޭނާގެ ފަހަތުން ދުވާކަށް ވެސް ނުޖެހޭނެ އެވެ. އަނެއްކޮޅުން މިފަދަ މައްސަަލަތަކުގައި ގޯސްކުރަނީ ވެސް އޮންލައިންތަކުގެ ނޫސްވެރިންނެވެ. ޓީވީ، ރޭޑިއޯގެ ތަކުން އަޑާއި މަންޒަރު ގެނެސްދިން ނަމަވެސް އެއިން އެއްޗެއް ފަހުން ފެންނަން ނޯންނާތީވެ އެތަންތަނުގެ ނޫސްވެރިންނާމެދު ޝަކުވާއެއްނެތެވެ.
ވޯލްޑް ސްޕޯޓްސް ގްރޫޕުން ޓިކެޓް ދޭން ބޭނުމެއްނޫން
ދެން އޮތީ ވޯލްޑް ސްޕޯޓްސް ގްރޫޕުން ޓިކެޓް ހިލޭދޭން ބޭނުންނުވާ މައްސަަލަ އެވެ. އިއްޔެ ދަނޑުން ދިމާވި އެ ގްރޫޕުގެ އޮފިޝަލަކު ބުނީ ރާއްޖެއިން 25000 ޓިކެޓަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ޓްރިވެންޑަރަމަކީ ގިނަ އަދަދަކަށް ދިވެހިން އުޅޭތަނަށްވުމުން ޓިކެޓް ވިއްކަން އެ ގްރޫޕުން ބޭނުންވާތީވެ އެދަދަށް ޓިކެޓް ދޭން އަދި ނިންމާފައިނުވާ ކަމަށެވެ. މިވާހަކައިގެ ތެދު ދޮގު ވެސް އެފްއޭއެމުން މިހާރު އޮޅުން ފިލުވައިދޭންވެއްޖެ ނޫން ހެއްޔެވެ؟ އާއްމުންނަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ލިޔުމުންނާއި އަނގަބަހުން ވެސް ދޭން މައުލޫމާތު ހާމަކުރުމާއި ލިބިގަތުމުގެ ގާނޫނުގައި ވެސް ބުނެފައިވެ އެވެ. ކަމާބެހޭ ފަރާތްތަކުން އިސްވެ އެކަންކަން ކުރަންވެސް ޖެހޭނެ އެވެ. ނޫސްވެރިން ކުށްވެރިކުރަންވާނީ ފިލާތިބެެއެއްނޫނެވެ.