ރާއްޖޭގައި ފޭކު ޔޫއެސް ޑޮލަރު ވިއްކަމުންދާ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ފޭކު ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެފަދަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައި އަދި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފޭކު ޑޮލަރު ވިއްކާ މީހުން މި ގްރޫޕްތަކުގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު ގަންނަން ބޭނުންވާ މީހުންނާ ވަކިން ޗެޓު ކުރަނީ އެވެ. އަދި ވިއްކާ މީހާ ބުނާތަނަކަށް އެމީހާ ގެންދަނީ އެވެ. ފުލުހުން ބުނީ މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދު ތަކަށް ދިއުމަށް ދައުވަތު ދޭ ކަމަށެވެ.
މިގޮތަށް ގެންދިއުމަށްފަހު ދިވެހި ފައިސާ ދިނުމުން ކައުންޓާފީޓް ޔޫއެސް ޑޮލަރު ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ޑޮލަރުގެ މުއާލަމާތްތައް، ބޭރު ފައިސާ އެކްސްޗޭންޖު ކުރުމުގެ ހުއްދަ އޮންނަ މީހުން މެދުވެރިކޮށް ނޫނީ ނުކުރުމަށް ފުލުހުން ބުނެ އެވެ. އަދި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާއަކީ ސައްހަ ފައިސާކަން ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.