ގްރީން ޓެކްސް

ޖެނުއަރީ މަހު ގްރީން ފަންޑުން 11.8 މިލިއަން ހޭދަކޮށްފި

ކުނީގެ މައްސަލަ ހައްލު ކުރަން ނަގަން ފެށި، ޓެކުހުގެ ފައިސާ އިން ޖެނުއަރީ މަހު 11.8 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ގްރީން ފަންޑުން މިދިޔަ ޖެނުއަރީ މަހު 11.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

މި ފަންޑުން ޖެނުއަރީ މަހު މައިގަނޑު ގޮތެއްގައި ހޭދަކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއު ތަކަށެވެ. މިގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނަޑެއްލާގެ ފެނާއި ނަރުދަމާގެ މަޝްރޫއަށެވެ. ފަސް މިލިއަން ރުފިޔާ މި މަަޝްރޫ އަށް ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ދިއްދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 3.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އޮފިޑުގެ އެހީގައި ހިންގާ މަޝްރޫއަކަށް ވެސް ތިން މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ހަރަދު ކުރި މަޝްރޫއުތައް

  • މުލީގެ ގޮނޑުދޮށް ހިމާޔަތް ކުރަން: 1,380ރ.
  • ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން: 64,283.21ރ.
  • ކުންފުނިތަކަށް ހަވާލުކޮށްފައިވާ 25 ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ހަތަރު ރަށަށް: 11,979.00ރ.
  • ކުދި ކުނިކޮށި ހަދަން: 41,563.54ރ.
  • އޮފިޑް އެހީގައި ހިންގާ ކުނީގެ މަޝްރޫއަކަށް: 22,681.75ރ.
  • ހިމަންދޫ ފެނާއި ނަރުދަމާ އަށް: 6,850.00ރ.
  • ލ. މާވަށު ފެނުގެ ނިޒާމަށް: 14,920.00ރ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ގްރީން ފަންޑުގައި މިހާރު ޖުމުލަ 791 މިލިއަން ރުފިޔާ ހުރިއިރު ޖެނުއަރީ މަހު މި ފަންޑަށް 95 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.