މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑުމަތީ ހާލުޖެހޭ މީހުނަށް އެހީވެ ސަލަމާތްކުރާނެ ގޮތް ދަސްކޮށްދީފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް އެކަޑަމީން ލައިފް ގާޑުން ތަމްރީނު ކުރުމަށް ކޯހެއް ހިންގައިފި އެވެ. މި ކޯހުގައި 14 ފަރާކުން ވަނީ ފުރިހަމަކޮށްފައިވާއިރު އޭގެތެރޭގައި ފުލުހުންނާ އާންމުން ހިމެނެއެވެ.

ފޭދޫ ފިނޮޅުގައި މި ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ލައިފްގާޑް ކޯހުގެ ބައިވެރިން ވަނީ ބައިވެރިން ފުރިހަމަކުރި ތަމްރީނު ދައްކާލުމުގެ ހަރަކާތްތަކެއް މޫދުގައި ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، ގެނބިގެން ނޫނީ އޮޔާގޮސްފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ރައްކާތެރި ގޮތްގޮތާއި ކެނޯ ނޫނީ އެފަދަ އުޅަނދެއްގައި ނުކުމެ އުޅޭ މީހަކު ނުވަތަ ބަޔަކު ހާލުގައި ޖެހިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ރައްކާތެރި ގޮތްތަކުގެ އިތުރުން ގެނބިގެން ނުވަތަ ގެއްލިގެން ހޯދާ މީހުން ހޯދަން ކަނޑުއަޑި ނުވަތަ މޫދު އަޑި ބަލައިފާސްކުރުން ގެންދާނެގޮތް ވަނީ ދައްކާލާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ދިވެހި ފުލުހުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށާއި އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓައި ކިތަންމެ ނުރައްކާތެރިކަމެއް ކުރަން ޖެހުނަސް އެކަމަކަށް ދިވެހި ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ.

"ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮތް ގައުމަކަށްވެފައި ރާއްޖޭގެ ރީތިކަން ދެކިލައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ ފުރާނައަށް އެކި ކަހަލަ ނުރައްކާތައް މޫދުގައި އަންނަނީ ކުރިމަތިވަމުން،" ނަވާޒު ވިދާޅުވިއެވެ. ނަވާޒު ވަނީ މިދަފަ ތަމްރީނުތަކުގައި އާންމުން ބައިވެރިކުރުމުގެ މުހިންމުކަމާމެދު ވާހަކަ ދައްކަވާފައެވެ.

މޫދުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ފަތުރުވެރިން ސަލާމަތް ކުރުމުގެ އެންމެ އިސް ދައުރެއް އޮތީ ލައިފް ގާޑުންނަށް ކަމަށްވީހިނދު ލައިފް ގާޑުން ތަމްރީނު ކުރުމުގެ މިފަދަ ކޯހެއް އާންމު ފަރުދުންނަށްވެސް ބައިވެރި ވެވޭގޮތަށް ފުލުހުންގެ ތެރޭގައި ހިންގުމަކީ ޕޮލިސް އެކަޑަމީން އިސްނެގި ވަރަށް މުހިއްމު އިސްނެގުމެއް ކަމަށް ވިދާޅުވިއެވެ. "މިފަދަ ކޯސްތައް ހިންގުމުގައި އާންމު ރައްޔިތުންނަށް ފުރުސަތުދީ ވަޒީފާގެ ބާޒާރަށް މީހުން ތަމްރީނު ކޮށްދިނުމަށް ފުލުހުންގެ ތަމްރީނު މަރުކަޒުތަކުން އަބަދުވެސް އިސްކަންދެއްވާ،"

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް އެކަޑަމީގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީ ވިދާޅުވީ، ލައިފްގާޑުން ތަމްރީނު ކުރުމުގެ ކޯހުގައި ކިޔަވައި ދެއްވާފައިވަނީ ތަމްރީނު ލިބިގެންތިއްބެވި ގާބިލް ފުލުހުން ކަމަށެވެ. އަދި ކުރިމަގުގައި އާންމު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް މިފަދަ މުހިއްމު ކޯސްތައް ހިންގަވަން ގަސްދުކުރައްވާ ކަމަށާއި މާލޭގެ އިތުރުން އެހެން ސަރަޙައްދު ތަކުގައިވެސް ޒުވާނުންނަށް ބައިވެރިވެވޭގޮތަށް މިފަދަ ކޯސްތައް ޕޮލިސް އެކަޑަމީން ހިންގަވާނެކަމުގައިވެސް ވިދާޅުވިއެވެ.

ލައިފްގާޑުން ތަމްރީނު ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެކަމަށްޓަކައި ފޭދޫ ފިނޮޅު ފަޅުތެރޭގައި ތައްޔާކޮށްފައިވާ ހާއްސަ ފްލޯޓިންގ ޕްލެޓްފޯމު މަތީގައެވެ. ރަށެއްގެ ގޮނޑުދޮށް ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމަކީ މިރަސްމިއްޔާތު ބޭއްވުމަށް ކޯހުގެ ބައިވެރިންނާ އެކަޑަމީގެ މުވައްޒަފުން ގުޅިގެން ތައްޔާރުކުރި ޕްލެޓްފޯމެކެވެ.