ވިޔަފާރި

ތެޔޮ ރައްކާ ކުރުމަށް ދެ ގުނަ ބޮޑު ސްޓޮރޭޖެއް އެސްޓީއޯ އިން ހަދަނީ

Jan 20, 2015

އެސްޓީއޯއިން ތެޔޮ ރައްކާ ކުރުމަށް މިހާރަށް ވުރެ ދެގުނަ ބޮޑު ސްޓޯރޭޖެއް ތިލަފުށީގައި ހަދަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ތެޔޮ ރައްކާކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ތިލަފުށީގައި ހަދާ މި ސްޓޯރޭޖް ފެސިލިޓީއަކީ މިހާރު ފުނަދޫގައި ހުރި ސްޓޯރޭޖް ފެސިލިޓީއަށްވުރެ ދެގުނަ ބޮޑު ތަނެއް ކަމަށެވެ.

"ތެޔޮ ރައްކާ ކުރުމުގެ ފެސިލިޓީ ގާއިމް ކުރަނީ ތިލަފުށި ފެސިލިޓީ ދޭއްގައި. މި ތަނުގައި މިހާރު ކުރަމުން ދަނީ އެތަނުގައި ހުރި ބައެއް ތަކެތި ބަދަލު ކުރުމުގެ މަސައްކަތް،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުންޏެވެ. އެ ކުންފުން މިހާރު ތެޔޮ ރައްކާކުރަމުން ދަނީ ކ. ފުނަދޫގަ އެވެ. ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެ ކުރަނީ އެސްޓީއޯގެ އަމިއްލަ ބޯޓުގަ އެވެ. 

އެސްޓީއޯގެ ތެޔޮ ތާނގީތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެސްޓީއޯގެ އެމްޑީކަމުގައި ޝާހިދު އަލީ ހުންނެވި ދުވަސްވަރު ވެސް އެ މަސައްކަތް ކުރި އެވެ.