ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ބައްދަލުކުރައްވައިފި އެވެ.
އެޓާނީ ޖެނަރަލްގެ އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއިިިިިިިި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއިިިިި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނަރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން ފިގުހު އެކަޑަމީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެެވެ.
ގާނޫނަށް އިސްލާޙު ގެނައުމަށް މަޝްވަރާކުރެވުނު ކަންކަން
- ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖައާކުރުން
- ހަރުކަށިފިކުރު ހުއްޓުވުމަށް ގާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުން
- ކޮންމެ މައްސަލައަކަށް ޖިނާއީ އަދުލުގެ ނިޒާމުން ހަމައެކަނި ހައްލު ހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުން
- ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުން
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު މުރާޖައާ ކުރާ ވަކި ސަބަބެއް ބަންޑާރަނައިބް އޮފީހުން ބުނެފައެއް ނުވެ އެވެ. އެކަމަކު ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް މިފަހުން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުން ވަނީ އިތުރުވެފަ އެވެ.