އިމްރާން އަބްދުﷲ

"އިންޗާޖުންގެ ގޮތުގައި ތިބޭނީ ރަށުން ބޭރު އޮފިސަރުން"

ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި އިންޗާޖުންގެ ގޮތުގައި ހަމަޖައްސާފައި ތިބޭނީ ރަށުން ބޭރު އޮފިސަރުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައ ކުރެއްވި ސުވާލަކަށް ޖަވާބު ދެެއްވަމުންނެވެ.

ޖާބިރު އެއްސެވީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި އެ ރަށެއްގެ ފުލުހުން ތިބުމުން އަދުލު އިންސާފު ގާއިމުނުކުރެވޭނެތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތްތައް ދެމުންދާ އިރު ރަށަށް ނިސްބަތްވާ ފުލުހުން އެ ރަށްތަކުގައި ބޭތިއްބުމާއި ނުބޭތިއްބުމަކީ ވެސް މައްސަލަތަކެއް ކުރިމަތިވާ ކަމެއް ކަމަށެެވެ.

އިމްރާން ވިދާޅުވީ އާއިލާއާ ގާތުގައި ތިބެވޭ ގޮތުން ވަޒީފާތައް ފަހިކޮށްދިނުމަކީ ހިތްވަރުދޭ ކަމެއް ކަަމަށެވެ. އެހެން ނަމަވެސް ފުލުހުންނަކީ ގާނޫނު ތަންފީޒުކުރާ ބަޔަކަށް ވާތީ އެކަމުގައި ބައެއް ކަހަލަ ގޮންޖެހުންތައް ދިމާވާ ކަމަށެވެ.

"އެ ސަބަބާ ހުރެ މިހާރު އަޅުގަނޑުމެން ކަނޑައަޅާފައިވާ ސިޔާސަތަކީ ކޮންމެ ރަށެއްގެވެސް ސްޓޭޝަންގެ އިންޗާޖަކަށް ހުންނާނީ ރަށުން ބޭރު ބޭފުޅެއް. އެހެން ނަމަވެސް ދެން ތިއްބަވާ އޮފިސަރުންގެ ތެރެއިން ވީހާ ގިނަ އަދަދެއްގެ އޮފިސަރުންނަކީ ރަށުގެ އޮފިސަރުން ކަމުގައި ހެދުމަކީ އަޅުގަނޑުމެން އެކަމަށް ހިތްވަރުދޭ އަދި މަސައްކަތް ކުރާ ކަމެއް. "އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ފުލުހުންގެ ޖުމްލަ އަދަދަށް ބަލާއިރު ބައެއް އަތޮޅުތަކަށް ނިސްބަތްވާ ފުލުހުން ވަރަށް ގިނަ ކަމަށާއި އަނެއްބައި އަތޮޅުތަކަށް ނިސްބަތްވާ ފުލުހުންގެ އަދަދު ވަަރަށް މަދު ކަމަށެވެ. އެހެން ކަމުން އެންމެ އެދެވޭ ގޮތަށް ފުލުހުން ރަށްރަށަށް ބެހުމުގައި ގޮން ޖެހުންތައް ކުރިމަތިވާ ކަމަށެވެ.