ބޮލީވުޑް

"ގަލީ ބޯއީ"ގެ އެކްޓަރަކު ހިތުގެ ބައްޔެއްގައި މަރުވެއްޖެ

ރަންވީރު ސިންގްގެ "ގަލީ ބޯއީ" ގައި ރެޕް ލަވަކިޔުންތެރިއެއްގެ ބައި އަދާކުރި ދަރްމޭޝް ޕަރްމާރު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އުމުރުން 24 އަހަރުގެ މި ޒުވާނާއަކީ ރެޕް ލަވަކިޔުންތެރި އެކެވެ. ލަވަކިއުމުގެ ދުނިޔޭގައި އޭނާ މަޝްހޫރުވެފައި ވަނީ އެމްސީ ޓޮޑް ފޮޑްގެ ނަމުންނެވެ.

ދަރްމޭޝް މަރުވުމާ ގުޅިގެން ރަންވީރު އާއި ޑައިރެކްޓަރު ޒޯޔާ އަޚްތަރު އަދި "ގަލީ ބޯއީ" ގައި އޭނާއާއެކު ހަރަކާތްތެރިވި ފަންނާނުން ވަނީ ހިތާމަފާޅުކޮށް ސޯޝަލް މީޑިއާގައި މެސެޖުތައް ޕޯސްޓްކޮށްފަ އެވެ.

ދަރްމޭޝް މަރުވި ފަހުން އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި ފާއިތުވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ދަރްމޭޝް އަށް ދެ ހާޓް އެޓޭކް ޖެހުނެވެ. ނަމަވެސް އޭނާއަކީ ރެޕް ކުރުމަށް ލޯބިކުރާ މީހަކަށް ވާތީ އަރާމު ކުރުމެއް ނެތި އެކަމުގައި އުޅުނީ އެވެ.

"ދަރްމޭޝް އަށް ފުރަތަމަ ހާޓް އެޓޭކް ޖެހުނީ މިގެ ހަތަރު މަސް ކުރިން އެކުވެރިންނާއެކު ލަޑާކް އަށް ގޮސް އުޅެނިކޮށް. އަހަރެމެންނަށް އެކަން އެނގުނީ އޭގެ ފަހުން އަނެއްކާ ގޭގައި އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިއުމުން. އެ ފަހަރު އޭނާ ހިތުގެ ސާޖަރީއެއް ވެސް ހެދި. އެކަމަކު އެއްގޮތަކަށް ވެސް އަރާމު ކުރަން ގެޔަކު ނޯވޭ. އޭނާ އަމިއްލަ ފުރާނައަށްވުރެ މިއުޒިކަށް ލޯބިކުރި. އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އަހަންނަށް އެއްވެސްކަމެއް ނުކުރެވުނު،" ދަރްމޭޝްގެ މަންމަ ބުނެފައި ވެއެވެ.