މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މ. ޝޫރާ މަންޒިލް ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން ހާމިދު ސޭޓުގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ.
"އަވަސް"އަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިނާއަތުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހާމިދުގެ ބަންދަށް މި މަހުގެ 21 ވަނަ ދުވަހު ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު މެލޭޝިއާގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ، ރައީސް އަބްދުﷲ ޔާމީންނަށް އިންޒާރުދިން މައްސަލައެއްގައެވެ. ހާމިދު މާލެ ގެނެސް އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ފުލުހުން ހާމިދު ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ހާމިދު ދޫކޮށްލުމަށްފަހު ހަމަ އެ ދުވަހު ހާމިދު އަނެއްކާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ދެވަނަ ފަހަރަށް ހާމިދު ހައްޔަރުކުރީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީކުރަން ވިއްކި ބައެއް ރަށްރަށުން ލިބުނު ފައިސާ އަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އެ މައްސަލައާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތު ގައެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުންދާއިރު މައްސަލަ އަދި ޕީޖީއަށް ފޮނުވާފައެއް ނުވެއެވެ. ހާމިދަކީ ކުރީގެ ނައިބު ރައީސް އަދީބުގެ އަރިސް ބޭފުޅެކެވެ. އެމްއެމްޕީއާރްސީގެ ހިނާއަތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި އެ ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.