މަރުވާ މީހުން ވަޅުލުމުގެ ކުރިން ރީތި ހެދުމާއި ގަހަނާ އަޅުވައި މޭކަޕްކޮށް ހެދުމަކީ ވަރަށް ގިނަ ގައުމުތަކުގެ މީހުން ކޮށް އުޅޭ ކަމެކެވެ. މިގޮތަށް ގަބުރު ޒީނަތްތެރި ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް ވަރަށް ބިރުވެރި ތަޖުރިބާތައް ވެސް ކުރެވިފައި ވެއެވެ. އިނގިރޭސި ވިލާތުގެ ނިކޯލް ގޭބްލް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ މި ވާހަކައަކީ ވެސް އެފަދަ ވާހަކަ އެކެވެ.
ނިކޯލް ބުނި ގޮތުގައި އޭނާގެ މާމަ މަރުވިތާ އެތައް ހަފުތާއެއް ފަހުން މާމަގެ ޖަނާޒާ ބޭއްވި ދުވަހު އޭނާއަށް ބިރުން ފިތްކަނޑައިގެންދާ ވަރުގެ ބިރުވެރި ތަޖުރިބާއެއް ވަނީ ކުރެވިފަ އެވެ. މާމަގެ ޖަނާޒާގެ ކަންތަކުގައި އިސްކޮށް އުޅުނީ އަދި މާމަ ޒީނަތްތެރި ކުރުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ ނިކޯލް ކަމަށް އޭނާ ބުނެފައި ވެއެވެ.
ނިކޯލް ކިޔައިދިން ގޮތުގައި މާމަގެ ގަބުރު ޒީނަތްތެރިކުރުމުގެ މަސައްކަތްކުރީ އެކަމަށް ހާއްސަ މޭކަޕް އާޓިސްޓުންނެވެ. ނަމަވެސް އޭނާއަށް އެ މީހުން މާމަގެ ތުންފަތުގައި ޖައްސާފައި ހުރި އެންމެ ގަދަ ރަތްކުލައިގެ ލިޕްސްޓިކް ކަމަކު ނުދިޔަ އެވެ.
އެހެން ވެގެން އެ ލިޕްސްޓިކް ފޮހެފައި އަލުން މާމަގެ މޫނާ ގުޅޭ ލިޕްސްޓިކެއް ޖައްސަން ނިކޯލް ބޭނުންވި އެވެ. ނަމަވެސް މިކަން ކުރަން އުޅުމުގެ ތެރޭގައި ފެނުނު މަންޒަރުން ނިކޯލް ބިރުން ގޮސް ހޭބުއްދި ނުފިލީ ކިރިޔާ ކަމަށް އޭނާ ބުންޏެވެ.
ނިކޯލް އޭނާގެ މާމަގެ ތުންފަތުގައިވާ ކުލަ ފޮހެފައި އަލުން ލިޕްސްޓިކް ޖައްސަން އުޅެނިކޮށް ކުއްލިއަކަށް ތުންފަތް މާމަގެ މޫނާ ވަކިވީ އެވެ. ނިކޯލް އަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. މާމަ ރީތިކޮށްލަން އުޅެނިކޮށް މާމަގެ މޫނު އިތުރަށް ހުތުރުވެ ބިރުވެރިވުން ނޫންކަމެއް ނުވިކަމަށް ނިކޯލް ބުނެފައި ވެއެވެ.
މާމަ މަރުވިތާ އެތައް ހަފުތާއެއް ވެފައި އޮތުމުން މާމަގެ ހަށިގަނޑު އޮންނާނީ އެތެރޭން ކުނިވެފައިކަމެއް ނިކޯލް އެއްގޮތަކަށް ވެސް ވިސްނައެއް ނުލަ އެވެ. އެހާ ފަސޭހައިން ތުންފަތް ނެއްޓުނީ މާމަގެ ހަށިގަނޑުގައިވާ މަސްތަކުގައި އެއްވެސް ބާރެއް ނެތީމަކަން އޭނާއަށް އިހްސާސްވީއިރު ހުރިހާ ކަމެއް އޮތީ ވެ ނިމިފަ އެވެ.