އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީ މިއަދު ހުޅުވައިފި އެވެ.
މިއެކަޑަމީ މިއަދު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މިރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާއި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެކަޑަމީ ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހް ވަނީ އެ ތަން ބައްލަވާލައްވައި މެހްމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ.
ފުލުހުންގެ އެކަޑަމީ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް"ގެ ނަމުގައި މިއަދު ހުޅުވާފައި މިވަނީ އެ އެކަޑަމީ ހުޅުވަން މީގެކުރިން ދީފައިވާ ތާރީހުތަކުގައި އެކަން ނުކުރެވި ލަސްވުމުން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށްފަހު އެވެ.
ޕޮލިސް އެކަޑަމީ އައްޑޫގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. މަޝްރޫއު ނިމުނުއިރު 300 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ކުރިން ބުނެފައިވެ އެވެ.
ސިއްހީ ފަރުވާ ދޭނެ ތަންތަނާއި ކުޅިވަރު ކުޅޭނެ ތަފާތު އެތައް ވަސީލަތްތަކެއް ގާއިމުކޮށްފައިވާ މި އެކަޑަމީގައި އެއް ފަހަރާ 340 މީހުން ތަމްރީން ކުރެވޭނެ އެވެ.
އައްޑޫގައި ޕޮލިސް އެކަޑަމީ ގާއިމުކޮށްފައިވަނީ އެ އެކަޑަމީ ހުރި ދިމާލުން ބައެއް ހިއްކައިގެން އެ ދިމާލުގައި ރިވެޓްމަންޓް ޖަހައިގެންނެވެ. އެކަޑަމީގައި ގާއިމުކޮށްފައިވާ ވަކިވަކި ހިދުމަތްތަކަށް ބަލާއިރު އެތަނުގައި ގިނަ އެކޮމެޑޭޝަން ބްލޮކްތަކެއް ހަދައި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކެއް ގާއިމުކޮށްފައިވެ އެވެ. އަދި 800 މީހުންގެ ޖާގައިގެ ޖިމަކާއި، ޕީޓީ ގްރައުންޑާއި، ޓްރެއިނިން ސެންޓަރާއި، 400 މީޓަރުގެ ޓްރެކާއި، ހެލިޕޭޑަކާއި ބާސްކެޓް ކޯޓަކާއި، ޓެނިސް ކޯޓާއި، ފުޓްބޯޅަ ދަނޑަކާއި، 340 މީހުންގެ އޮޑިޓޯރިއަމަކާއި ކްލާސްރޫމްތައް ވެސް ވަނީ ހަދާފަ އެވެ.
އެކަޑަމީ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި އެކަޑަމީ އަކީ އިންޑިއާ އިން ރާއްޖެއާ މެދު ބަހައްޓާ ގާތްކަމުގެ ވަރަށް ބޮޑު ރަމްޒެއް ކަމަށެވެ. މިއެކަޑަމީގެ ސަބަބުން ފުލުހުންގެ ތަމްރީންތަކަށް ބޮޑު ހެޔޮ ބަދަލެއް ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށާއި ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކަށް ވެސް ފުލުހުންގެ އެކަޑަމީ ތަފާތު ކަންކަމުގައި ބޭނުންކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.