ބޭރު ކުޅިވަރު

ކުލަބުން ވަކިކުރުމުގެ ކުރިން ވެންހާލް އިސްތިއުފާދެނީ!

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން އޭނާ ވަކިކުރުމުގެ ކުރިން މަގާމުން އިސްތިއުފާދީފާނެ ކަމުގެ ވަރަށް ސާފުކޮށް އިޝާރާތެއް ކޯޗު ލުއިސް ވެންހާލްކޮށްފި އެވެ.

ޕްރެމިއާ ލީގުގައި ރޭ ސްޓޯކް ސިޓީ އަތުން 2-0 އިން ބަލިވި މެޗަށް ފަހު ވެންހާލް މިހެން ބުނީ އޭނާގެ މަގާމާމެދު އެއްވެސްވަރަކަށް ކަންބޮޑުވޭތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.

"ބައެއް ފަހަރު އަހަރެން އަމިއްލަ އަށް ވެސް ހުއްޓާލަންޖެހޭ ފަހަރު އަންނާނެ. ތިކަމަކީ އަހަރެންގެ ކުލަބުގެ މެނޭޖްމަންޓާ ޗީފް އެގްޒެކެޓިވް އެޑްވުޑް ވުޑްވާޑްސްއާ މަޝްވަރާކުރަންޖެހޭ ކަމެއް. ކަލޭމެން (ނޫސްވެރިންނާ މަޝްވަރާކުރަންޖެހޭ ކަމެއް،" ނޫން،" މެޗަށް ފަހު ކޯޗު ބުންޏެވެ.

ޖެހިޖެހިގެން ހަތް މެޗުން ޔުނައިޓެޑް މޮޅުނުވެފައިވާއިރު އެ ޓީމު މިހާރު ވަނީ 30 ޕޮއިންޓާއެކު އިނގިރޭސި ލީގުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ.

"ކޮންމެ ފަހަރަކީ ކުލަބުން އަހަރެން މަގާމުން ދުރުކޮށް، ނުވަތަ ވަކިކުރަންޖެހޭ ފަހަރެއްނޫން. ބައެއް ފަހަރު އެކަން ކުރާނީ އަހަރެން. އެކަމަކު އަހަންނަކީ އެކަން ނިންމުމުގެ ކުރިން އަހަރެންގެ މެނޭޖްމަންޓާއި ކޯޗިން ޓީމާއި ކުޅުންތެރިންނާ މަޝްވަރާކުރަންޖެހޭ މީހާ. ކުލަބުން އަހަންނަށް ވަނީ ކުލަބުގެ އިތުބާރުދީފައި. އެކަމަކު މޮޅުވަމުން ނުދަންޏާ އެ އިތުބާރަށް ބަދަލު އަންނާނެ،" ވެންހާލް ބުންޏެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ހޮލެންޑްގެ ކުރީގެ ގައުމީ ކޯޗު ބުނީ މީހުން ދައްކާ ވާހަކައަކަށް އޭނާ ނުވިސްނާ ކަމަށެވެ. އަދި ރޭގެ މެޗު ފުރަތަމަ ހާފުގައި ޔުނައިޓެޑށް ގެއްލިގެންދިޔަ ނަމަވެސް ކެޕްޓަން ވޭން ރޫނީ ފުރަތަމަ ހާފުގައި ބެންޗުގައި ބޭންދުމަކީ ރަނގަޅު ޑސިޝަނެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ޔުނައިޓެޑާ ހަވާލުވާނީ ޗެލްސީގެ ކޯޗުކަމުން ވަކިކުރި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.