މޯލްޑިވްސް ޕޮލިސް ސާވިސް

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ނުވަ މީހަކު ހައްޔަރުކޮށްފި

Mar 27, 2022

އައްޑޫ ސިޓީގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު އެކަން ޔަގީންކޮށްދިން ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވި އެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އައްޑޫން މިއަދު ހައްޔަރުކުރީ ނުވަ މީހުން ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އެންމެ އިސްވެރިން އައްޑޫގައި ތިއްބަވަނިކޮށެވެ.

މި ބޭފުޅުން އައްޑޫ އަށް ވަޑައިގެން ތިއްބެވީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހެދި ފުލުހުންގެ އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތަށެވެ.

އައްޑޫން ނުވަ މީހަކު ހައްޔަރުކުރި ނަމަވެސް އެމީހުން ހައްޔަރުކުރި ވަކި ރަށެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު އައްޑޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.