އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި އެވެ.
އައްޑޫސިޓީ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ރަށުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުޖް އަމަލު ކުރަމުންދާ ގޮތާމެދު އެ ރަށުގެ ރައްޔިތުން ސުވާލު އުފައްދައެވެ.
ހިތަދޫ ބައެއް މީހުން ބުނާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާއަށް ވަނީ ހިމާޔަތް ދީފައެވެ. އަދި ހައްޔަރު ކުރީ މައްސަލައާ ގުޅުންވެސް ނެތް މީހެކެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އެ މައްސަލާގައި ހައްޔަރު ކުރި 59 އަހަރުގެ ދިވެހި އަންހެން މީހާ ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން މެޑިކަލް އެސެސްމަންޓް ހަދާފައިވާ ކަމަަށެވެ.
އަދި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެެސެސްމަންޓާއި ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައާ ގުޅިގެން އާންމުން ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމާއި މައްސަލައާ ގުޅޭ ހެއްކާ ގަރީނާ ހޯދުމުގެ މަސައްކަތާއި އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ މި މައްސަލާގައި ކުރަން ޖެހޭ ތަހުގީގާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.