ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ އަމިއްލަވަންތަކަމުގައި ހިންދެމިލަން އިންޑިއާގެ ނިޔަތް ހެޔޮ: ރައީސް

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓަކީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން ދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓަކީ އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލްކަން،ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާއަށް ވާނެ ކަމަށެވެ. އަދި އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓަކީ އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ. އެއީ ރާއްޖެ - ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންވެސް ރައީސް ސޯލިހް ވަނީ އިންޑިއާއާ އެ ގައުމުގައި މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް ވެދެމުން ގެންދާ އެހީތަކެއް ކަމަށެވެ. އެކަމުގެ ސާފު ހެކިތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވެ ވަރަށް ގިނަ މިސާލުތައް ދެއްކެވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓްޑީސް އާއި 34 ރަށެއްގެ ފެނާއި ނަރުދަމާގެ އިތުރުން ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީ ކުރުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ މަގުތައް ހެދުމާއި ބިން ހިއްކުން އަދި ކޯސްޓްގާޑް ބިލްޑިން ފަދަ ޕްރޮޖެކްޓްތަކަކީ އިންޑިއާގެ ހިލޭ އެހީ އާއި ލޯން އެހީގެ ދަށުން ހިންގާ އަދި ހިންގިފައިވާ ޕްރޮޖެކްޓްތައް ކަމަށެވެ.

"އިންޑިއާ އިން ދިވެހީންނަށްވާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ގައުމުގެ ތަރައްގީއަށް ދިވެހީންގެ ކުރިއެރުމަށްޓަކައި ވެދެމުން އަންނަ އެހީތަކެއް. މިއަދު ހުޅުވިގެން މިދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މި ދެންނެވި ހަގީގަތުގެ އެއް މިސާލް،" ރައީސް ވިދާޅުވިއެވެ.