އިމްރާން އަބްދުﷲ

ފުލުހުންނަށް ލިބޭ ކޮންމެ ގެއްލުމަކީ ގައުމަށް ލިބޭ ގެއްލުމެއް: އިމްރާން

Mar 30, 2022

ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމާއި ކުރިއެރުމެއް ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމަށެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު ކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމަށެވެ.

ހަމައެގޮތަށް ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއްކަމުގައި ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނަ ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދާހިލިއްޔާއާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަން ޖެހެނީ ދިވެހި ފުލުހުންގެ ހިދުމަތް ކަމަށެވެ. އެ ޒިންމާ އެ މުއައްސަސާއިން ފުރިހަމައަށް އުފުލާ ކަަމަށްވެސް ވިދާޅުވިއެވެ.

އަދި އަތޮޅު ތެރޭގައި ފުލުހުން ހިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅާފައިވާކަ މަށާއި ފުލުހުން ޖަވާބު ދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.