ހައިކޯޓުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯ އާންމުކުރަން ފަށައިފި އެވެ.
ހައިކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތްތަކުގެ ވީޑިއޯ އަދި އޯޑިއޯ އާންމުކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ލައިވްކޮށްގެން ކުރިއަށް ގެންދާ ޝަރީއަތްތަކުގެ އިތުރުން ހުޅުވާލައިގެން ބާއްވާ ޝަރީއަތްތައް ވެސް އާންމުކުރާނެ ކަމަށެވެ.
އެ ކޯޓުން ލައިވް ކުރަނީ ކޯޓުގެ ޔޫޓިއުބް ޗެނެލްގަ އެވެ. ލައިވް ކުރަނީ ޕަބްލިކް އިންޓްރެސް ބޮޑެތި މައްސަލަތައް އެކަންޏެވެ. އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކުގައި އާންމުންނާއި ނޫސްވެރިން އެދުމުން އެކޯޓުން ބައިވެރިކޮށްދެ އެވެ.
އެ ކޯޓުން ވަނީ އެ ކޯޓުގެ ޝަރީއަތްތަކަށް ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިން ޑިވައިސްތައް ވެއްދުމުގެ ހުއްދަ ދޭން ފަށައިފަ އެވެ.
ސުޕްރީމް ކޯޓުން ވެސް އެކޯޓުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހުރިހާ ޝަރީއަތުގެ މަޖިލީހެއް އެކޯޓުގެ ޔޫޓިއުބް ޗެނެލްގައި ލައިވް ކުރެ އެވެ.