ޔޫކްރޭން ހަނގުރާމައާއެކު ޓޫރިޒަމް މާކެޓަށް ބަަދަލު އައިސް އިނގިރޭސިވިލާތުގެ ޓޫރިޒަމް ހިއްސާ މަތިވެ، އެއްވަނަ މާކެޓުގެ މާގާމާ ގާތަށް ޖެހިލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް މިމަހުގެ 23 އިން 30 އަށް ހަފުތާ އަކަށް އެނަލައިޒްކޮށް ބަލައިލުމުން ފެންނަ ގޮތުން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާއާ އެއްވަރު ކުރަން އިނގިރޭސިވިލާތަށް މަދުވަނީ 2526 ޓޫރިސްޓުންނެވެ. މިހާރު ބެލެވޭ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓުގެ ގޮތުގައި ޔޫކޭ ވާނެ އެވެ. މީގެ އެއް ސަބަބަކީ ރަޝިއާ މާކެޓުން އެންމެ ގިނައިން މީހުން އަންނަ ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލާފައިވުމެވެ. މީގެ ބަދަލުގައި އިނގިރޭސިވިލާތުން ދަނީ ގިނަ އެއާލައިންތަކެއް ރާއްޖެއަށް އުދުހެމުންނެވެ. އެހެންވެ ދެން އެއްވަނަ މާކެޓަކަށް ވެގެންދާނީ ޔޫކޭ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ބަލާއިރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ރަޝިއާ އިން ރާއްޖޭގެ ޓޫރިޒަމްގެ 12.2 ޕަސެންޓް ހިއްސާ ކުރެ އެވެ. އަދި އެ ގައުމުން އައިސްފައި ވަނީ 52,081 ޓޫރިސްޓުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކަމަށް މިހާރު ދައްކާ ޔޫކޭގެ ހިއްސާއަކީ 11.6 ޕަސެންޓް އެވެ. އެ ގައުމުން 49,555 މީހުން އައިސްފައިވެ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ އިންޑިއާއިން ޓޫރިޒަމްގައި 10.8 ހިއްސާ ކުރާއިރު އެ ގައުމުން 46,154 ޓޫރިސްޓުން އައިސްފައިވެ އެވެ.
ޓޫރިޒަމްގެ ޖުމްލަ ކުރިއެރުން 44 ޕަސެންޓުގައި
މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 146,905 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ 2019 ވަނަ އަހަރު އައި 156,551 މީހުންނާ އަޅާ ބަލާއިރު 6.2 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މިއީ މިދިޔަ އަހަރު އައި 77,769 މީހުންނާ އަޅާ ބަލާނަމަ 37.9 ޕަސެންޓް އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4,805 ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ. އަދި ޓޫރިސްޓުން އެވްރެޖުކޮށް 8.6 ޕަސެންޓް ހިއްސާ ކުރެ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 427,677 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 295,479 ޓޫރިސްޓުންނާ އަޅާބަލާއިރު 44.7 ޕަސެންޓުގެ އިތުރުވުމެކެވެ.