ބޮލީވުޑް

އާރްކޭ ސްޓޫޑިއޯ ސަލާމަތްވީ "ބޮބީ"ގެ ކާމިޔާބުން

ރިޝީ ކަޕޫރަކީ ރޮމެންޓިކް ހީރޯއެއްގެ ގޮތުގައި މަޝްހޫރުވި އެކްޓަރެކެވެ. އެންމެ ގިނަ ދުވަހު ރޮމެންޓިކް ބައިތައް ކުޅުމުގައި ހޭދަކުރި އެކްޓަރަކީ ވެސް އޭނާ އެވެ. ރިޝީ ތަފާތު ރޯލުތައް ގަބޫލުކޮށް ތަފާތު ތަޖުރިބާތައް ކުރަން ފެށީ އޭނާގެ އުމުރުން ދުވަސްވީ ފަހުން ދެވަނަ ފަހަރަށް ކެރިއަރު ފަށައިގަތުމަށް ފަހުގަ އެވެ.

ރިޝީގެ ބޮލީވުޑް ދަތުރު ފެށީ 1973 ގައި ރިލީޒްކުރި "ބޮބީ" އިން ޑިމްޕަލް ކަޕާޑީއާ އާއެކުގަ އެވެ. މިއީ ރިޝީގެ ބައްޕަ ރާޖް ކަޕޫރު ޑައިރެކްޓް ކުރި ފިލްމެކެވެ.

ރާޖް މި ފިލްމު އުފެއްދިއިރު އޭނާގެ އާއިލީ ފިލްމީ ވިޔަފާރިކަމަށްވާ އާރްކޭ ސްޓޫޑިއޯ ވަނީ ދަރަނިވެރިވެ ހުއްޓާލަން ޖެހޭ ވަރުގެ ހާލަތެއްގަ އެވެ. "ބޮބީ" ގެ ކާމިޔާބުން އެ ސްޓޫޑިއޯގެ ރަން ޒަމާން އަނބުރާ އައެވެ.

"ބޮބީ" އުފެއްދީ އާރް ކޭ ސްޓޫޑިއޯ ބަނގުރޫޓް ވުމުން ސަލާމަތްވާނެ އެހެން އެއްވެސް ގޮތެއް ރާޖް އަށް ނުފެނިގެންނެވެ. އޭރު ސްޓޫޑިއޯ މޯގޭޖް ކޮށްފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. މި ސްޓޫޑިއޯއަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ ބޮޑު ބަޖެޓަކުން އުފެއްދި "މޭރާ ނާމް ޖޯކަރް" ފްލޮޕްވުމުންނެވެ.

"ބޮބީ" އަކީ އެ ޒަމާނާ އެއްގޮތަށް ވެސް ގުޅޭ ފިލްމަކަށް ނުވިޔަސް ޒުވާން ދެ ލޯބިވެރިޔަކު އެ މީހުންގެ ލޯބި ހާސިލު ކުރަން ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމަކީ ހުރިހާ ގޮތަކުން ވެސް ބެލުންތެރިންގެ ހިތްތަކާ ކުޅެލި ފިލްމެކެވެ. ޚާއްސަކޮށް މި ފިލްމުގެ ލަވަތައް އަދިވެސް މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގްބޫލެވެ.

"ބޮބީ"ގައި ދައްކަނީ މުއްސަނދި ފިރިހެން ކުއްޖަކާއި ފަގީރު އަންހެންކުއްޖެއްގެ ލޯބީގެ ވާހަކަ އެވެ. އުމުރުން 18 އަހަރުގެ ރާޖާ އާއި 16 އަހަރުގެ ބޮބީ އެމީހުންގެ ލޯބި ކާމިޔާބު ކުރަން ކުރާ މަސައްކަތެވެ. އެމީހުން ގެއިން ފިލައިގެން ދަނީ އަމިއްލަ ފުރާނަ ގުރުބާންކުރަން ޖެހުނަސް ހެޔޮ ކަމަށް ނިންމައިގެނެވެ.