ހިންދީ ފިލްމު އިންޑަސްޓްރީގައި ސާއިރާ ބާނޫގެ ރަހުމަތްތެރިން ވަރަށް ގިނަ އެވެ. ދަރުމެންދުރަ، މުމްތާޒު އަދި ޝަތުރޫގަން ސިންހާ ފަދަ އެކްޓަރުންނަކީ ޒަމާނުއްސުރެ ސާއިރާގެ ގާތް އެކުވެރިންނެވެ. ނަމަވެސް ފިރިމީހާ އަދި ކުޅަދާނަ އެކްޓަރު ދިލިޕް ކުމާރު މި ދުނިޔެއާ އަލްވަދާއު ކިޔުމަށްފަހު ސާއިރާ ވަނީ ފިލްމު އިންޑަސްޓްރީގެ އެންމެންނާ މުޅިން ގުޅުން ކަނޑާލާފަ އެވެ. ކުރިން އެންމެ އެކުވެރިކޮށް އުޅުނު މީހުން ގުޅިޔަސް މިހާރު ސާއިރާ ފޯނެއް ނުނަގަ އެވެ. އަދި މުމްތާޒު ދާދިފަހުން ޕާލީ ހިލްގައި ހުންނަ ސާއިރާގެ ބަންގްލޯއަށް ދިއުމުން ވެސް އެ ގޭގެ ދޮރު ވެސް ނުހުޅުވި އެވެ.
ދިލިޕްގެ ވަކިވުމުން ސާއިރާއަށް ކުރި ފުން އަސަރުން އޭނާއަށް އަދިވެސް އަރައިނުގަނެވިފައިވާ ކަމަށް ސާއިރާގެ އެކުވެރިން ގަބޫލު ކުރެ އެވެ. އެހެން މީހުންނާ ގުޅުން ކަނޑާލައި އެކަނި މާއެކަނި ތޮށިގަނޑެއް ތެރޭ ފޮރުވިގެން ސާއިރާ ދިރިއުޅޭ ކަމަށް އެކުވެރިން ބުނެ އެވެ.
މުމްތާޒު ބުނި ގޮތުގައި ދިލިޕް ދުނިޔޭގައި ހުރިއިރު އޭނާ ސާއިރާއަށް ޒިޔާރަތްކުރާ ކޮންމެ ދުވަހަކު މީރު ކާއެއްޗެތި ހަދާފައި ކާން ވެސް ދެއެވެ. ނަމަވެސް މިހާރު އެއްގޮތަކަށް ވެސް އޭނާއަށް ސާއިރާ އާ ފޯނުން ވެސް ނުގުޅެ އެވެ. އަދި އެގޭ ދޮށަށް ގޮސްގެން ވެސް ބައްދަލުވާ ގޮތެއް ނުވި އެވެ. އެކުވެރިޔާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ވެސް މުމްތާޒު ބުންޏެވެ.
ސާއިރާގެ އެންމެ ގާތް މީހަކީ ދަރުމެންދުރަ އެވެ. ނަމަވެސް މިހާރު އޭނާ ދަރުމެންދުރަގެ ފޯނު ކޯލަށް ވެސް ޖަވާބު ނުދޭ ކަމަށް ދަރުމެންދުރަ ބުންޏެވެ. ވީމާ ސާއިރާގެ ހާލު ބެލޭނެ ގޮތެއް ނެތި ދަރުމެންދުރަ ވެސް ވަނީ ކަންބޮޑުވެފަ އެވެ.
ދިލިޕް ކުމާރާ ކައިވެނި ކުރުމުގެ މާ ކުރިއްސުރެ ސާއިރާގެ އެންމެ ޓީންއޭޖް ދުވަސްވަރުން ފެށިގެން އޭނާއަށް ހުރީ ދިލިޕް ކުމާރާހެދި މޮޔަވާ ވަރަށް ލޯބިވެވިފަ އެވެ.
ހިންދުސްތާން ޓައިމްސް އަށް ސާއިރާ ވަރަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ޓީންއޭޖް އުމުރުގައި ވެސް އޭނާ ދިޔައީ ދިލިޕް އާ ކައިވެނިކުރުމުގެ ހުވަފެންތައް ދެކެމުންނެވެ.
"އަހަންނަކީ ވަރަށް ބޯހަރު މީހެއް. ކުރަން ހިތުގައި އަޅައިފި ކަމެއް ވިއްޔާ ކޮންމެ ގޮތަކުން ވެސް ކުރަން. އަހަންނަށް އިނގޭ ދިލިޕް ސާހަބް އާ ކައިވެނިކުރަން ވަރަށް ރީތި އަންހެނުންނަށް މަރުދޭކަން. ނަމަވެސް އަހަރެންގެ ނަސީބު ރަނގަޅުކަމުން އޭނާގެ އަންބަކަށް ދިލިޕް ޚިޔާރުކުރީ އަހަރެން. ދިލިޕް އާއި ކައިވެނި ކުރުމަކީ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށްވުން. އެހެންވެ އަހަރެންގެ ކައިވެންޏަކީ ފުރިހަމަ ހުވަފެނަކަށް ވަނީ،" ސާއިރާ ބުނެފައި ވެއެވެ.