ބޮލީވުޑް

"2 ސްޓޭޓްސް" އެކްޓަރު ޝިވް ކުމާރު މަރުވެއްޖެ

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ބައްޕަ ބައި ކުޅެފައިވާ އެކްޓަރު ޝިވް ކުމާރު ސުބްރަމާނިއަމް މަރުވެއްޖެ އެވެ. "2 ސްޓޭޓްސް"، "ކަމީނޭ"، "ހަޒަރޯން ޚުވާއިޝޭން އޭސީ"، "ޕަރިންދާ"، "މީނާކްޝީ ސުންދަރްވޭޝްވަރް" އަދި "ތީން ޕައްތީ" ފަދަ ފިލްމުތަކުގައި ޝިވް ކުމާރު މުހިއްމު ރޯލުތަކެއް ވަނީ ކުޅެފަ އެވެ.

ޝިވް ކުމާރު މަރުވެފައިވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޖަހާން ސިކުނޑިއަށް ކެންސަރު ޖެހި އެ ބަލީގައި މަރުވިތާ ދެ މަސް ދުވަސް ފުރުނު ތަނާ އެވެ. ޖަހާން މަރުވިއިރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ.

ޝިވް މަރުވި ސަބަބު އަދި އެނގިފައި ނުވެ އެވެ. ނަމަވެސް އޭނާގެ މަރުން ހިންދީ ފިލްމު އިންޑަސްޓްރީގައި އޭނާ އާއެކު މަސައްކަތްކުރި ގިނަ ފަންނާނުން ވަނީ ވަރަށް ދެރަވެ ހިތާމައިގަ އެވެ. އަދި ޝިވް އަށް ތައުޒިޔާ ކިޔާ ގިނަ އަދަދެއްގެ މީހުން ވަނީ ސޯޝަލް މީޑިއާގައި މެސެޖުތައް ޕޯސްޓްކޮށްފަ އެވެ.

ޝީވް ކުމާރަކީ އެކްޓަރެއްގެ އިތުރުން ސްކްރީންރައިޓާ އެއް ވެސް މެއެވެ. އޭނާ ލިޔެފައިވާ ފިލްމުތަކުގެ ތެރޭގައި 1989 ގައި ރިލީޒްކުރި "ޕަރިންދާ" އާއި "ކަޒަރޯން ޚުވާއިޝޭން އޭސީ" ހިމެނެ އެވެ. އަދި "2 ސްޓޭޓްސް" ގައި އާލިއާ ބަޓްގެ ބައްޕަގެ ރޯލުން ގިނަ ބައެއްގެ ހިތްތައް އޭނާ ވަނީ އަތުލާފަ އެވެ.

ޝިވް ކުމާރުގެ އާއިލާގައި މިހާރު ހުރީ ހަމައެކަނި އޭނާގެ އަންހެނުން ދިވްޔާ އެވެ.