ލައިފްސްޓައިލް

ސާޖަރީގައި ބަނޑުތެރޭ ކަތުރެއް ބޭއްވުނު މީހަކު މަރުވެއްޖެ

ސާޖަރިއެއް ހަދައިން އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު ސާޖަރީ ހަދައިދޭ ޑޮކްޓަރުންނަށް ބަލި މީހާގެ ވަރަށް ބޮޑު އިތުބާރެއް އޮވެ އެވެ. އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް އޭނާގެ ސާޖަރީ ހަދައިދޭނެ ކަމުގެ ޔަގީންކަން އޮވެ އެވެ. ނަމަވެސް މިފަހަރު ކަންތައްވީ ގޮތުން ބަލި މީހުން ޑޮކްޓަރުންނަށް އިތުބާރު ނުކުރުމުގެ ފުރުސަތު އެބައޮތެވެ.

ވެނެޒުއޭލާގައި ހިނގި މި ހާދިސާގައި އޮޕަރޭޝަނެއް ކުރި ބަލި މީހެއްގެ ބަނޑު ތެރެއަށް ޑޮކްޓަރަކަށް އެރި އޮޅުމަކުން ކަތުރެއް ދޫކޮށްލާފައި ބަނޑު ފަހާ ލެވުނީ އެވެ. އަދި މިކަމުގެ ސަބަބުން އެޅި ވޭނާއި ލިބުނު ތަކުލީފުގައި ބަލި މީހާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ "ދަ މިރާ" ނޫހުން ބުނެފައިވާ ގޮތުގައި އިވާން ޗަވޭޒް ނަމަކަށް ކިޔާ މި މީހާ ވެނެޒުއޭލާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީގެ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް މަރަސައިބޯ އަށް ބަނޑުގެ ސާޖަރީއެއް ހަދަން ދިޔަ އެވެ.

އެމީހާގެ އޮޕަރޭޝަން ކާމިޔާބުކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ދުވަސްކޮޅެއް ނުވަނީސް އިވާންގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސަން ފެށި އެވެ. އަދި ފާޚާނާ އަށް ދިއުމާއި ކެއިން ބުއިމަށް ވެސް އުނދަގޫތައް ދިމާވާން ފެށި އެވެ. އޭނާ އަލުން ޑޮކްޓަރަށް ދެއްކުމުން ތަފާތު ފަރުވާއެއް އަނެއްކާވެސް ލިޔެދިނެވެ.

ޑޮކްޓަރުން ދިން އެއްވެސް ބޭހަކުން ބަނޑުގައި ރިހުން ނުފިލުމުން ބަނޑުގެ އެކްސް ރޭ އެއް ނަގަން ޑޮކްޓަރުން ނިންމީ އެވެ. އޭރު ސާޖަރީ ހެދިތާ ވީ ހަތަރު ދުވަހެވެ.

އެކްސްރޭ އިން ފެނުނު ގޮތުގައި އޮޕަރޭޝަން ކުރި ޑޮކްޓަރަށް އޮޅިގެން ބަނޑުގައި އޮތީ ކަތުރެއް ބާއްވާފަ އެވެ. ވަގުތުން އިމަޖެންސީ ސާޖަރީއެއް ހަދަން ބަލި މީހާ ވެއްދި އެވެ. މި ސާޖަރީ ވަރަށް ކާމިޔާބު ކަމަށާއި ބަނޑުގައި އޮތް ކަތުރު ނަގައިފިކަމަށް ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ސާޖަރީ ހެދިތާ ފަސް ދުވަސް ތެރޭ ބަލި މީހާ ވަނީ މަރުވެފަ އެވެ.

އިވާންގެ އާއިލާއިން މިހާރު ވަނީ ސާޖަރީ ހެދި ޑޮކްޓަރާއި ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރަން ނިންމާފަ އެވެ.

އިވާންގެ ސާޖަރީ ހެދުމުގައި އިސްކޮށް އުޅުނު ދެ ސާޖަނުން ހައްޔަރު ކޮށްފައި ދޫކޮށްލައިފި ކަމަށް ބުނެ އެމީހުންނާއެކު މަސައްކަތްކުރާ އެހެން ޑޮކްޓަރަކު ޓުވިޓާގައި މެސެޖެއް ޕޯސްޓް ކޮށްފައި ވެއެވެ.

އެ ޑޮކްޓަރު ބުނި ގޮތުގައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށް ދޭ ޑޮކްޓަރުން ގަސްތުގައި މީހަކު މަރުވާ ފަދަ ކަމެއް އެއްވެސް ހާލެއްގައި ނުކުރާނެ އެވެ. އަދި އެފަދަ މީހުންގެ ބޮލުގައި މިފަދަ އިލްޒާމްތައް އެޅުވުމަކީ ވަރަށް ބޮޑު ގޯހެކެވެ.

ހޮސްޕިޓަލުގެ އިތުރު މުވައްޒަފަކު މި ވަގުތު ވެސް ފުލުހުންގެ ހައްޔަރުގައި ހުރި ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް މި މީހާގެ ސާޖަރީގައި އެ މިހާގެ ދައުރަކީ ކޮބައިކަމެއް ޔަގީންނުވާ ކަމަށް ވެއެވެ.

ބަލި މީހާގެ އާއިލާއިން ބުނަނީ ހުރިހާ ކަމެއް ވެސް ރަނގަޅުކަމަށް ބުނެ ބަލި މީހާގެ އާއިލާއަށް އޮޅުވާލަން ޑޮކްޓަރުން ވަރަށް މަސައްކަތްކުރި ކަމަށެވެ.