މޯލްޑިވްސް ޕޮލިސް ސާވިސް

ޣައްސާނާއި ސައީދު ފުލުހަށް ގެންދަނީ

Apr 17, 2022
2

އިދިކޮޅު ކޯލިޝަންގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ދެ ބޭފުޅުން ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" ނަމުގައި ބޭއްވި މުޒާހަރާ އާއި ގުޅިގެން ކަމަށެވެ.

އެ ދުވަހުގެ މުޒާހަރާގައި ޣައްސާނާއި ސައީދު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް އެތައް ގަޑިއިރަކު ހިފެހެއްޓި އެވެ.

ތ. ގުރައިދޫ ދާއިރާގެ މެންބަރު ކަން ކުރައްވަމުން ގެންދަވާ ޣައްސާން މައުމޫން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:30 އަށެވެ. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ 9:00 އަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އިސް ބޭފުޅުންނަށް ބިރު ދެއްކުމުގެ ގޮތުން ފުލުހަށް ހާޒިރުކުރި ނަމަވެސް މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި މިސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.