ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އިންތިހާއަށް ލޯބިވާ މީހަކު ހުންނާނެ އެވެ. އަދި ކިތަންމެ ޒަމާނަކު އެކުގައި އުޅެފައި ނަމަވެސް އެމީހަކު ވަކިވެގެން ހިނގައްޖެނަމަ ހީނުކުރާ ވަރުގެ ބޮޑު ހިތާމައެއް އެމީހަކަށް ލިބި ޑިޕްރެޝަންގެ ޝިކާރައަކަށް ވެސް ވެފައި ވަނީ މަދެއްކޮށް ނޫނެވެ.
ސާއިރާ ބާނޫގެ މުޅި ހަޔާތުގައި ވެސް އޭނާ ލޯބިވީ އެންމެ މީހަކު ދެކެ އެވެ. އެއީ ދިލިޕް ކުމާރެވެ. ދިލިޕް މި ދުނިޔެ ދޫކުރުމަށް ފަހު ސާއިރާގެ ހަޔާތަށް ވެސް އެހާ ބޮޑު ފަޅުކަމެއް ލިބުނީ ދިލިޕް ދެކެ އޭނާވީ ވަރުގަދަ ލޯބީގެ ސަބަބުންނެވެ.
އުމުރުން ދުވަސްވެ ހެލިފެލިވެ އުޅެން ވެސް ދަތިވެފައި ވިޔަސް ދިލިޕް އާއި ސާއިރާ އެކަކު އަނެކަކާ އެކު އުޅެމުން ދިޔައީ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އެމީހުންނަށް ދަރިއަކު ލިބިފައި ނެތަސް ދަރިއަކު ނެތްކަމުގެ އުނިކަމެއް ވެސް އެމީހުންނަށް އިހްސާސެއް ނުވެ އެވެ. ހެނދުނު ހޭލީއްސުރެ އަނެއްރޭ ނިދަން ވަންދެން އެކަކު އަނެކަކާ އެކު ހުރިހާ ވަގުތެއް ހޭދަކުރާތީ އެވެ. ކުރާ ހުރިހާ ކަމެއް އެކުގައި ކުރަމުން ގެންދިޔައިމަ އެވެ.
ސާއިރާ ބުނި ގޮތުގައި ދިލިޕް ވަކިވެ ދިއުމަށްފަހު އޭނާއަށް ދިރިއުޅުމައިގެން ކުރިޔަށް ދިއުން ވަނީ އިންތިހާއަށް ދަތި ކަމަކަށް ވެފަ އެވެ. ސާއިރާގެ އެކުވެރިން ވެސް އޭނާއާ ގުޅޭނެ ގޮތެއް ނެތިގެން ހަދާނެގޮތް ހުސްވެގެން އުޅޭކަން ސާއިރާއަށް އެނގެ އެވެ. ނަމަވެސް އޭގެން އެއްވެސް މީހަކާ ވެސް ބައްދަލުކޮށް ވާހަކަ ދައްކާކަށް ސާއިރާ ބޭނުމެއް ނޫނެވެ.
ސާއިރާ ބުނި ގޮތުގައި އޭނާގެ ހިތާމަތައް ކުޑަވެސް ލުޔެއް ނުލިބެ އެވެ. ސްޓްރެސް ވެސް އިންތިހާއަށް ބޮޑެވެ.
"މި ހިތާމައިން އަހަރެން އަރައިގަންނާނީ ކިހިނެއް. މިކަމެއް ނުވާނެ އަހަންނަކަށް. މިއޮއް ހުރިހާ ދުވަހަކު އުޅުނީ އަހަރެމެން ދެ މީހުން އެކަނި މާއެކަނި. ސާހަބްގެ ހުރިހާ ކަމެއް އަހަރެން ކޮށްދިނީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު. އަހަރެމެން ދެ މީހުންނަކަށް އެހެން މީހަކު ބޭނުމެއް ނުވޭ. ސިޓީން ރޫމުގައި އިށީނދެލައިގެން އެތައް ވަގުތަކު ތިބެލަން ވެސް އަހަރެމެން ފޫއްސެއް ނުވޭ. ނަމަވެސް މިހާރު އަހަރެންގެ އެކަނިވެރިކަން މިވަނީ އިންތިހާއަށް ގޮސްފައި،" ސާއިރާ ބުންޏެވެ.
ސާއިރާ ބުނި ގޮތުގައި ގޭން ބޭރަށް ނުކުންނާކަށް އަދި އެކުވެރިންނާ ބައްދަލުކޮށް ހަދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. މިހާރު ސާއިރާ ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ ޤުރްއާން ކިޔެވުމާއި ހެޔޮ އެއްޗެތި ކިއުމާއި ދުޢާ ކުރުމުގަ އެވެ. އެކަމުން އޭނާގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބޭ ކަމަށް ސާއިރާ ބުންޏެވެ.
އުމުރުން 98 އަހަރުގައި ދިލިޕް މި ދުނިޔެއަށް އަލްވަދާއުކީ މިދިޔަ އަހަރު އެވެ.