ޕީއެސްއެމް

ޕީއެސްމްގެ ރޭޑިއޯ ޗެނަލް "ދީނުގެ އަޑު" ލޯންޗްކޮށްފި

ދީނީ ޕްރޮގްރާމްތައް ގެނެސްދިނުމަށް "ދީނުގެ އަޑު" ގެ ނަމުގައި ރޭޑިއޯ ޗެނަލެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ލޯންޗްކޮށްފި އެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރޭޑިއޯ ޗެނަލް ލޯންޗް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ދިވެހިރާއްޖޭގެ އަޑަށް 53 އަހަރު މުނާސަބަތާ ގުޅުވައި މިއަދު ލޯންޗްކުރެވުނު ދީނުގެ އަޑު ޗެނަލްއަކީ އިސްލާމް ދީނަށް ހާއްސަ ޗެނަލެކެވެ. މީގެ ކުރިން ވެސް ދީނީ ރޭޑިއޯ ޗެނަލްއެއް "ދީނުގެ އަޑު" ގެ ނަމުގައި ހިންގި އެވެ. ނަމަވެސް ފަހުން ހުއްޓުނީ އެވެ.

ޕީއެސްއެމްގެ މެނޭޖިންޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ އަޑުން ދީނީ ޕްރޮގްރާމްތައް ގެނެސްދެމުން އަންނަ ކަމަށާއި ނަމަވެސް ޒަމާނަށް އައިސްފައިވާ ބަދަލާ އެއްގޮތަށް ދީނީ ޕްރޮގްރާމްތަކަށް ވަކިން ހާއްސަ ޗެނަލެއް ބޭނުންވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހި ރާއްޖޭގެ އަޑުގެ އަހަރީ ދުވަހު ދީނަށް ހާއްސަކޮށް ރޭޑިއޯ ޗެނަލެއް ތައާރަފްކުރި އިރު ޓީވީއެމްގެ އަހަރީ ދުވަސް، އަންނަ މާޗް މަހުގެ 29 ވަނަ ދުވަހު ދީނީ ޕްރޮގްރާމްތަކަށް ހާއްސަކޮށްގެން ޓީވީ ޗެނަލެއް ތައާރަފްކުރާނެ ކަމަށެވެ. އެ ޗެނަލްގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިން އަތޮޅުތަކުގައި ހަދާފައިވާ ހުރި މީޑިއާ ސެންޓަރުތައް ހުއްޓި، ފަނާވެފައިވާތީ ކުރިން އޮތް ފެންވަރަށް ވުރެ މަތީ ފެންވަރުގައި އަތޮޅުތަކުގައި ހިންގާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީޑީއާ ސެންޓަރުތައް އުވާލީ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އެމްއެންބީސީގެ ދުވަސްވަރު އެވެ.

އިސްލާމިކް މިނިސްޓްރީން ދީނުގެ އަޑަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް އިސްލާމް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ފާހަގަ ކުރެއްވި އެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމީ ދީނާ ދެކޮޅު ޕްރޮޕެގެންޑާތައް ދުނިޔޭގެ ގިނަ މީޑިއާތަކަކުން ފަތުރަމުންދާ ކަމަށާއި އެކަމުގެ ޝައްކު ސިކުނޑިތަކަށް ވަންނަމުންދާ ކަމަށެވެ. އެހެންކަމުން ދީން އޮޅުންފިލުމަށް ދީނީ ޗެނަލެއްގެ މުހިންމުކަން ވަރަށް ވެސް ބޮޑު ކަމަށެވެ.

ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑު ހިންގުމާ ޕީއެސްއެމް ހަވާލުވުމަށްފަހު އެ ކުންފުނިން ވަނީ ތަފާތު ޗެނަލްތަކެއް ތައާރަފްކުރާނެކަން އިއުލާންކޮށްފައެވެ. އެގޮތުން ޕީއެސްއެމްއިން މިހާރު ވަނީ ޕީއެސްއެމްގެ ވެބްސައިޓާއި މަޖިލިސް ޓީވީ އާއި މަލްދީބު މަޖައްލާ ތައާރަފްކޮށްފަ އެވެ. ކުރިއަށްއޮތްތާ އިތުރު ގިނަ ޗެނަލްތަކެއް ތައާރަފްކުރާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފައެވެ. އޭގެތެރޭގައި، ތައުލީމީ ޓީވީ، "މޯލްޑިވްސް"ގެ ނަމުގައި އިންޓަނޭޝަނަލް ޗެނަލެއް، ޒުވާނުންގެ ޓީވީ ހިމެނެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް ދޭން ފެށީ 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ހިދުމަތް ފެށީ މާލޭ ރޭޑިއޯގެ ނަމުގައެވެ. އެއީ ދިވެހިރާއްޖޭގައި ބްރޮޑްކާސްޓިންގެ ހިދުމަތް ދޭން ފެށުނު ދުވަހެވެ.