ރަޝިޔާ

ސަރުކާރުގެ ޔަގީންކަމާއެކު އެއިރޯފްލޮޓް އަންނަ މަހު ފަށަނީ

Apr 24, 2022

ދިވެހި ސަރުކާރުން ރަޝިއާގެ ގައުމީ އެއާލައިން ރާއްޖެ އަށް ފަށަން ދޭން ޖެހޭ "ޔަގީންކަން" ލިބުމާއެކު އަންނަ މަހު އެއިރޯފްލޮޓް ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

ރަޝިއާގެ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، ޓޫރިޒަމް ބޮޑު ވަޅުގަނޑަކާ ދިމާލަށް ވަނީ ވެއްޓެން ފަށާފަ އެވެ. އެހެންވެ ރަޝިއާއި ރާއްޖެ އަށް ޑައިރެކްޓްކޮށް އަންނަ މި އެއާލައިންގެ އުދުހުންތައް ފަށަން އިންޑަސްޓްރީން ލޮބީ ކުރާތާ ވަނީ ދުވަސްތަކެއްވެފަ އެވެ. އަދި ރާއްޖެ އަށް ފަށަން އެ އެއާލައިނުން އެދިފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައި ގަތުމާއެކު އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެއިރޯފްލޮޓްގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ފަށަން ނިންމުމާ ބެހޭ ގޮތުން ރަޝިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އޮތޯރިޓީން ރާއްޖޭގެ ސިވިލް އޭވިއޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ބުނީ އަންނަ މަހުގެ 13 ގައި އަލުން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 54,624 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ 10 ޕަސެންޓް ހިއްސާ ކުރެ އެވެ. ނަމަވެސް މިހާރު ރަޝިއާ އޮތީ ޓޫރިޒަމް ރޭންކިންގެ ތިންވަނަ ގައުމުގެ ގޮތުގަ އެވެ.