ރިޕޯޓް

2015: ދެ ނައިބު ރައީސުންނަށް މަގާމު ގެއްލި ނައިބުގެ މަގާމު ހުސްވެފައި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަށް އަދި މި ފުރުނީ ދެ އަހަރެވެ. ދެ އަހަރު ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެއް އަހަރު ތެރޭގައި ދެ ނައިބު ރައީސުން މަގާމުން ވަކިކުރަން ޖެހުމެވެ. ނައިބު ރައީސުން މަގާމުން ދުރުކުރުމަށާއި މަގާމަށް ގެނައުމަށް ގާނޫނު އަސާސީއަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަދި އެކަމުގެ ސަބަބުން 2015 ވަނަ އަހަރު ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، ސިޔާސީ ފިކުރުތައް ވެސް އެކި ގޮތްގޮތަށް ބަދަލުވެފައިވެއެވެ.

ޖަމީލުގެ އިތުބާރު ގެއްލުން

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ރައީސް ޔާމީނަށް ގެއްލިފައިވާކަން ފެންމަތިވެގެން ދިޔައީ އޭރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އަހުމަދު އަދީބުގެ ތާއިދު ޒުވާނުންގެ ތެރޭގައި އިންތިހާއަށް ބޮޑުވެ، އަދީބުގެ ނުފޫޒު ޕީޕީއެމް ތެރޭގައި ގަދަވި ދުވަސްވަރެއްގައެވެ. ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅަކަށް އަދީބު ވެގެން ދިއުންވީ ޖަމީލުގެ މައްޗަށް އޮތް އިތުބާރު ގެއްލުނު ކަމަށެވެ. އިދިކޮޅު ފަރާތްތަކާއެކު ސިއްރު ގުޅުންތައް ބާއްވާކަމުގެ ތުހުމަތުތައް ކުރެވެން ފެށިއެވެ. ހަވާލުކުރި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރެވޭކަމުގެ ތުހުމަތުތައް ވެސް ޖަމީލަށް އަމާޒުވިއެވެ. މި ތުހުމަތުތަކާއެކު ޖަމީލު ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ.

ގާނޫނު އަސާސީއަށް ބޮޑު ބަދަލެއް

ނައިބު ރައީސްކަމުން ޖަމީލު ވަކިކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، ރައްޔިތުން މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެވެ. މި އިސްލާހު މަޖިލީހުން ފާސްކުރީ 24 ޖޫންގައެވެ. އިސްލާހް ފާސްކުރަން ފެންނަ ކަމަށް 77 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. މިއިސްލާހް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ފާސްކޮށްފައިވަނީ ޕީޕީއެމް އާއި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ވޯޓާއިވެސް އެކުގައިއެވެ. މިހުރިހާ ޕާޓީތަކުން ވެސް މި ބިލު ފާސް ކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި ކުރިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި އޭރު ބަޔާންކޮށްފައެއް ނުވެއެވެ. އިސްލާހުގައި ބުނެފައިވާ ގޮތުން އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މިދެ މަގާމަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް އުމުރުން 65 އަހަރުވެފައިވާނަމަ އެދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ގާނޫނަށް ގެނެވުނު މި ބަދަލަކީ އޭރުގެ ނުފޫޒުގަދަ ޓޫރިޒަމް މިނިސްޓަރު، ނައިބު ރައީސް ކަމަށް ގެނައުމަށް ގެނެވުނު ކުއްލި ބަދަލެކެވެ. އަދީބަށް 35 އަހަރު އަދި ފުރިފައެއް ނުވެއެވެ.

ޖަމީލު ވަކިކުރުން

ނައިބު ރައީސް ވަކިކުރުން އަވަސްކުރުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާއްމު ކޮމެޓީ އިން ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ނައިބު ރައީސް މަގާމުން ވަކިކުރަން ވެއްޖެ ނަމަ، އެ މައްސަލަ ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި ގޮތެއް ނިންމާނީ، ސީދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި އެ މަޖިލީހުން ކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް، ނައިބު ރައީސްއަށް ލިބިވަޑައިގަންނަވާނީ 30 މިނެޓްގެ ވަގުތު ކޮޅެއް ކަމަށްވެސް ބުނެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގައިވައިދަށް އިސްލާހު ގެނައި ނަމަވެސް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަހުގެ ނޯޓިސް އަދިވެސް ދޭން ޖެހެއެވެ.

ނައިބު ރައީސް ޖަމީލްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖޫން 30 ވަނަ ދުވަހު، 61 މެންބަރުންގެ ސޮއިއާއިއެކުއެވެ. ނައިބް ރައީސްގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ޕީޕީއެމް އާއި އެމްޑީއޭ މެންބަރުންގެ އިތުރުން އެމްޑީޕީގެ ހަ މެންބަރަކާއި ޖުމްހޫރީ ޕާޓީގެ ފަސް މެންބަރަކު ހިމެނިވަޑައިގެންނެވިއެވެ.

ޖަވާބުދާރީވުމަށް ޖަމީލަށް 14 ދުވަހުގެ ނޯޓިސް މުއްދަތެއް ދިނެވެ. ޖަމީލު ނިންމީ، ރައްޔިތުން މަޖިލީހަށް ލަންޑަނުގައި ހުންނަވައިގެން ލިޔުން ޖަވާބު ދެއްވާށެވެ. ނަމަވެސް ނޯޓިސް މުއްދަތު ހަމަވީއިރުވެސް ޖަމީލު ޖަވާބުދާރީވެފައެއް ނުވެއެވެ.

ޖަމީލުގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 78 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ދުވަހުގެ ޖަލްސާގައި ބައިވެރިވީ 80 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓުދިނީ ދެ މެންބަރުންނެވެ. އެއީ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

އަދީބު ނައިބު ރައީސް ކަމަށް

ޖަމީލުގެ އިތުބާރު ނެތްކަމަށް ފާސްވުމާއެކު ޖުލައި މަހުގެ 22 ވަނަ ދުވަހު، އަދީބު ނައިބު ރައިސް ކަމުގެ ހުވާ ކުރެއްވިއެވެ. އަދީބަށް ރައްޔިތުން މަޖިލީހުން ހަމަ އެދުވަހު ވަނީ ރުހުން ދެއްވާފައެވެ. އަދީބަށް މަޖިލީހުން ރުހުން އޮތްކަމަށް ފާސްވީ އެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ ތެރެއިން ރުހުން އޮތްކަމަށް 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ރުހުން ދިނުމަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވިއެވެ.

އަދީބުގެ އިތުބާރު ގެއްލުން

އަދީބަކީ ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި އެންމެ ހަގު ބޭފުޅާއެވެ. އެ ބޭފުޅާގެ ނައިބު ރައީސްކަމުގެ ދައުރު ވެސް ހަމަ އެހާކުރެވެ. އަދީބު ނައިބު ރައީސްކަން ކުރައްވާފައިވަނީ 107 ދުވަހުއެވެ.

އަދީބުގެ އިތުބާރު ގެއްލުނީ، ރައީސް ޔާމީން ދަތުރުކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތުހުމަތުތައް އަދީބަށް ކުރެވުނު ހިސާބުންނެވެ. މި މައްސަލާގައި އަދީބުގެ އެންމެ އަރިސް މީހުން ވަނީ ބައިވެރިވެފައެވެ. އެކަމުގެ ތުހުމަތުތައް ދަނީ އެމީހުންގެ މައްޗަށް ކުރެވެމުންނެވެ. އަދީބު، ރައީސް ޔާމީން އަވަހާރަކޮށްލައްވަން މަސައްކަތްކުރިކަމުގެ ތުހުމަތު މިހާރު ވަނީ ކުރެވިފައެވެ. އަދީބުގެ މައްޗަށް ކޮރަޕްޝަނާއި ރިސްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލިފައެވެ. އަދިވެސް ގިނަ ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން ގައުމާ މުހާތަބުކުރެއްވީ އަދީބު ހައްޔަރުކުރެއްވުމަށްފަހުގައެވެ. އެއީ އޮކްޓޯބަރު 25 ވަނަ ދުވަހެވެ. ރައީސް ވިދާޅުވީ، އަދީބު ހައްޔަރުކުރަން ޖެހުނީ ތަހުގީގު ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެކަހެރިކުރަންޖެހޭ ކަމަށް ފެންނާތީ ކަމަށެވެ. ރައީސް ވަނީ އެންމެ އިތުބާރުކުރި އަދީބު ހައްޔަރުކުރަން ޖެހުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އަދީބުގެ ނުފޫޒު ފުލުހުންގެ އިދާރާގައިވާ މިންވަރު ފެނުމުން ހައިރާންވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު

ރާއްޖޭގެ އާންމު ހާލަތު ގޯސްވެ އާންމު ތަންތަނުން ހަތިޔާރު ފެންނަމުން ދިއުމުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭރު އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް ވަނީ ދީފައެވެ. ނަމަވެސް ކުއްލި ހާލަތު އިއުލާންކޮށް، ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް އުނިކުރެވުނެވެ. އެގޮތުން އަދީބަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަތް ދުވަހަށް ކުރު ކުރެވުނެވެ. އެއީ އެއްވެސް ގާނޫނެއްގައިވާ ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އަދީބުގެ ވަކިކުރުން

އަދީބު ނައިބު ރައީސްކަމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ 52 މެންބަރުންގެ ސޮޔާއެއްކޮށް ވައްދާފައިވަނީ 27 އޮކްޓޯބަރުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އަދީބަށް ދިން 14 ދުވަސް ހަތް ދުވަހަށް ކުރުކޮށްލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ދުވަހު ނޫން އަނެއް ދުވަހު އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިއެވެ. އެ ވޯޓުން އަދީބުގެ އިތުބާރު ނެތް ކަމަށް ފާސްވެފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި އެމްޑީޕީއިން ބައިވެރިވެފައެއް ނުވެއެވެ. ޖަމީލެކޭ އެއްފަދައިން އަދީބު ވެސް މަޖިލީހަށް ޖަވާބުދާރީވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އަދީބު ވެސް ވަނީ ޖަވާބުދާރީވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަގުތު ޖެހުނުއިރު އަދީބު މަޖިލީހަށް ހާޒިރުނުވި ކަމަށް ނިންމާ، މަޖިލީހުން ނިންމީ ވޯޓަށް ދާށެވެ. އަދީބުގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގިއިރު އެމަނިކުފާނު ހުންނެވީ ފުލުހުންގެ ހައްޔަރުގައެވެ.

ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތާ ދެ މަސްވާން ކައިރިވެފައިވާއިރު އަދި އެމަގާމަށް އިތުރު ބޭފުޅަކު ގެންނަން ނިންމާފައެއް ނުވެއެވެ. އަދި އެފަދަ ވާހަކަތަކެއް ވެސް ނުދެކެވެ. ރާއްޖެ މިހާރު ވަނީ ދުސްތޫރީ ހުސްކަމެއްގެ ތެރޭގައެވެ.