ޓޫރިޒަމް

މިދިޔަ އަހަރު ޓޫރިޒަމަށް 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ޑޮލަރު ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް ދައްކައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުގެ އާމްދަނީ ވަނީ 2020އާ އަޅާ ބަލާނަމަ 148 ޕަސެންޓް އިތުރުވެފަ އެވެ.

ޓޫރިޒަމް އާމްދަނީ ތިން އަހަރު

  • 2019- 3.2 ބިލިއަން ޑޮލަރު
  • 2020- 1.4 ބިލިއަން ޑޮލަރު
  • 2021- 3.5 ބިލިއަން ޑޮލަރު

އެމްއެމްއޭގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން 1.3 މިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ރާއްޖެ އައިސްފައިވާއިރު ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި މަޑުކޮށްފައިވަނީ 8.8 ދުވަހެވެ. އޭގެ ކުރީ އަހަރު އެވްރެޖު ސްޓޭ ހުރީ 7.2 ދުވަހެވެ. އަދި ބެޑް ނައިޓްސް ވެސް ވަނީ 153 ޕަސެންޓު އިތުރުވެފަ އެވެ.

މިކުރިއެރުންތައް އައި ސަބަބެއްގެ ގޮތުގައި މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކޮވިޑް-19 އަށް ފަހު ރާއްޖެއަށް އޮތް އިތުބާރު އިތުރުވުމާއި ރާއްޖޭގެ ސޯސް މާކެޓުތަކުން ސީދާ ދަތުރުތަކެއް ރާއްޖެއަށް ކުރަމުން ދިއުމެވެ.

މިދިޔަ އަހަރު ރާއްޖެއަށް ބޭއްވި ފްލައިޓުގެ އަދަދު ވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ. މިގޮތުން މިދިޔަ އަހަރު ފްލައިޓް މޫވްމަންޓް 6,991 ގައި ހުރިއިރު މިއީ 119 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 30 އެއާލައިނަކުން ދިޔައީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި 13 ޝެޑިއުލް އެއާލައިން އާއި 17 ޗާޓަރު އެއާލައިން ވެސް ހިމެނެ އެވެ.